މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެއްވެސް ޓަވަރެއްގައި ރައްކާތެރިކަން ކަށަވަރު ކުރެވިފައި ނެތް ކަމަށެވެ. ބޮންޑާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އިމާރާތެއް ތަރައްގީކުރަން ފެށުމުގެ ކުރިން އެންމެ ފުރަތަމަ ޔަގީންކުރާ ކަމަކީ އެތަނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިފަދަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އިމާރާތުގައި ތާށިވެފައި ތިބޭ މީހުން އެތަނުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން އެންމެ ރަނގަޅަށް އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ކިޔައިދެވިފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ޕްލޭނެއް ވެސް ކުރެވިފައި ނެތް ކަމަށް ބޮންޑާ ވިދާޅުވި އެވެ.

މިހާރުވެސް ހިޔާ ޓަވަރު ބައްލަވާ. ހިޔާ ޓަވަރުގެ ތަނެއްގައި ރޯވެއްޖެއްޔާ އެތާނގަ އުޅޭ ގިނަ މީހުންނަށް ފަޔަރ އެސްކޭޕް ދޮރު އިންތަން ވެސް ނޭނގޭނެ. ދެން މަތިން ފުމޭތަން ފެންނާނީ. މާލޭގަ އެހެރީ އައިޖީއެމްއެޗްގެ ބޮޑު ޓަވަރެއް އަޅައިފައި. އެ ޑްރިލްއެއް، ފަޔަރ އެސްކޭޕްގެ ތަމްރީނުތަކެއް ނުހަދާ. އެތަނުގައި ގިނައިން ތިބެނީ ކޮން ބައެއް؟ ހިޔާ ފުލެޓްގައި ވެސް ގިނައިން ތިބެނީ ދޮށީ އުމުރުގެ މީހުން. ވީލް ޗެއަރގައި ތިބޭ މީހުން ތިބޭނީ ގިނައިން. އެމީހުން ކިހިނެއް ފައިބަނީ، ކޮންތާކުން ފައިބަނީ، ސިޑިއަކުން ނުފޭބޭނެ އެމީހުންނަކަށް. އެމީހުން ސީދާ އެތާނގަ އަނދާ ހުލިވާނީ
ކުރީގެ މެންބަރު އިބްރާހީމް ރަޝީދު

ހިޔާ ފުލެޓްގެ އިތުރުން މާލޭ ގްރޭންޑުގައި ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރައްވަމުން ބޮންޑާ ވިދާޅުވީ، މާލޭ ގްރޭންޑްގެ 90 އެޕަރޓްމަންޓު ހުރިއިރު އެތަނުގެ އަލިފާން ނިއްވާ ފެން ހޮޅިތައް ފަޅައިގެން ގޮސް، ފައިބައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވޭނެ ގޮތެއް ނެތް ކަމަށެވެ. ހަމައެހެންމެ، މިފަދަ ހާދިސާއެއް ހިނގައިފިނަމަ ބޭނުންކުރަންޖެހެނީ ލިފްޓު ކަމަށްވާއިރު އެއިން އެއްވެސް ޓަވަރެއްގައި ބެކަޕް ޖަނެރޭޓަރު ވެސް ނެތް ކަމަށް ބޮންޑާ ވިދާޅުވި އެވެ. އަދި އެތަނުގެ ބެކަޕް ޖަނެރޭޓަރު ހަލާކުވެފައި ހުންނަތާ 10 އަހަރަށްވުރެ ގިން ދުވަސްވެފައިވާ ކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ މަޝްރޫއުތަކާ ފުލެޓްތައް ތަރައްގީކުރަނީ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި، އެއި ކޮރަޕްޝަނާއި ފަސާދަ ހިންގުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކަމެއް ކޮށްދޭނަމަ އެމީހުންގެ ފުރާނައަށް ވިސްނައިގެން މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ.