ސްކޭމްތަކުގެ މައްސަލައިގައި ފައިސާ އަނބުރާ
ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ދިމާވަނީ ތިން ފަރާތެއް ހިމެނޭ 'ތާޑް ޕާޓީ' ސްކޭމްތަކުގައި ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމް
ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަސް ކާފު"
ޕްރޮގްރާމްގައި އެންޓި ސްކޭމް ސެންޓަރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފަހުގެ
މައުލޫމާތު ދެއްވުމަށް ވަޑައިގެން މުޙައްމަދު ސަލީމް ވިދާޅުވީ ކްރިޕްޓޯ ކަރަންސީ
ފަދަ ތާޑް ޕާޓީއާ ގުޅިފައި ހުންނަ ސްކޭމްތަކުގައި ފައިސާ ހޯދުމާއި އެނޫން ވެސް
ގޮތް ގޮތުން ގޮންޖެހުންތައް ހުންނަ ކަމަށެވެ.

ސަލީމް ވަނީ ލަދުވެތި ކަމެއް ނެތި
މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެންޓި ސްކޭމް
ސެންޓަރުން އެއްވެސް ފަރާތަކަށް ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާނެ
ކަމަށާއި، ރިކަވަރީ ހާލަތުގައި ވެސް ވާހަކަ ދައްކަމުން ދާނީ މަނީ ޓްރައިލް އަށް
ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތާޑް ޕާޓީ ސްކޭމްގައި ދެ މީހަކަށް އެބަ ގެއްލުންވޭ، ސްކޭމަރު މި ހައިޑް ވެގެން ހުންނަ ފަރާތް އޭނަ މި ބޭނުން ކުރަނީ އަދި އެހެން ފަރާތްތަކެއްގެ އެކައުންޓެއް، އައިޑީ ކާޑު ފަދަ ނޫންނަމަ، ސައްހަކަން ދައްކުވައިދޭ ލިޔުން ފަދަ ތަކެތި މި ހުންނަނީ ފޯޖު ކޮށްފައި މީ ހަމަ ވަރަށް ބޮޑަށް އެއްގޮތް ވާ ގޮތަށް ހަދާފައި
މުޙައްމަދު ސަލީމް

މީގެ އިތުރުން ސްކޭމަރުން ގެއްލުން ލިބުނު ފަރާތަށް
ގުޅައި ބިރު ދެއްކުމަށް މަސައްކަތް ކުރުމުގެ ސަބަބުން މައްސަލަ ހުށަނާޅާ
ހުންނަކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އެއްވެސް ހާލަތެއްގައި
ސްކޭމަރާއި މައްސަލަ ހުށަހަޅާ ފަރާތް ގެނެސް އެއްތަން ކޮށްފައި ސުވާލު ނުކުރާ
ކަމަށެވެ. އަދި އެންމެ ބޮޑުކޮށް ވެސް ކުރަނީ ކޮންފަރެންސް ކޯލެއް ކަމަށާއި، އެ ކޯލްގައި ވާހަކަ ދައްކަނީ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާފަދަ ގޮތަކަށް
ކަމަށް ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކަށް ވަރަށް ބޮޑަށް
އަހުލުވެރި ވެގެން ނޫން ގޮތަކަށް ސްކޭމް މައްސަލަތަކުން މުޖުތަމައު ސަލާމަތް
ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.