ތައުލީމީ ނިޒާމަށް ބަދަލެއް ގެންނަ ކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާން ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި އެމްޑީޕީގެ ގައުމީ
މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ"
ޕްރޮގްރާމްގައި ކީ ސްޓޭޖް 5 ގެ އިސްލާމް އަދި ދިވެހި މާއްދާގެ މޮޑިއުލަރ ކުރަން
މިނިސްޓްރީ އިން ނިންމި ނިންމުމަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މިއީ
ކިޔަވާ ދިނުމުގެ އޮނިގަނޑަށް އަންނަ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.
މިފަދަ ބޮޑެތި ބަދަލުތައް ގެންނަ އިރު ކިޔަވައިދޭން
ތިބި މުދައްރިސުންނަށް ތަމްރީންތައް ދޭން ޖެހޭ ކަމަށާއި، އެ ބަދަލާ އެއްގޮތް ވާ
ގޮތުގެ މަތިން ސްކޫލްތަކުގެ ސްކީމަށް ބަދަލު ގެނެސް އަދި ސްކޫލްތަކުގެ ތާވަލަށް
ބަދަލު ގެނެސްފައި ނޫން ގޮތަކަށް މިފަދަ ބަދަލުތައް ނުގެނެވޭނެ ކަމަށް އިހުސާން
ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އޭލެވެލް
ކިޔަވައި ދިނުން ޖޫން ހަތެއްގައި ފެށުނުއިރު އިސްލާމް އަދި ދިވެހި މޮޑިއުލަރ އުސޫލަށް
ބަދަލު ކުރާކަން ސްކޫލްތަކަށް އަންގާފައި ވަނީ ޖޫން ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މިފަދަ
ބަދަލުތައް ކިޔަވައިދިނުން ފެށުމުގެ ކުރިން އިއުލާން ކުރަން ޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމް ފަދަ ދީނީ ކަންކަން ހިމެނޭ
މާއްދާތައް މޮޑިއުލަރ ކުރުމަކީ ވަރަށް ބޮޑު ނުރައްކާތެރި ކަމެއް ކަމަށް އިހުސާން
ވިދާޅުވި އެވެ.
އެގޮތުން ދީނީ ގޮތުން ފޯރުކޮށްދޭ މައުލޫމާތަކީ
ދަރިވަރުންގެ ހިތްތަކުގައި އަބަދުވެސް ހުންނަން ޖެހޭނެ މައުލޫމާތު ކަމަށާއި، މޮޑިއުލަރ އުސޫލަށް ބަދަލު ކުރުމުން ގްރޭޑް 11
ގައި ކިޔަވާ ކޮންޓެންޓަށް ދަރިވަރުން ސަމާލުކަން ދޭނީ ގްރޭޑް 11 ނިމެންދެން ކަމަށް
ވިދާޅުވި އެވެ.
ދީނީ ކަންކަމަކީ ކުދިންގެ ހިތުގައި، ކުދިންގެ ސިކުނޑީގައި، ދިގު މުއްދަކަށް ހަރުލާފައި ހުންނަން ޖެހޭ ގޮތަކަށް ކިޔަވައި ދޭން ޖެހޭ ކަމެއް، އެކަންކަން އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ވަގުތީ ފައިދާއަކަށް ވަގުތީ މަންފާއެއް ހޯދުމަށް ޓަކައި ގެނެވޭ ބަދަލަކަށްމުހައްމަދު އިހުސާން
އިހުސާން ވިދާޅުވީ ގްރޭޑް 11 ގައި އިތުރު ގައުމީ އިމްތިހާނެއް އައުމުން، އެ އިމްތިހާނަށް ތައްޔާރު ވުމުށް އެކެޑަމިކް ކަލަންޑަރުން އިތުރު މަހެއް ބޭނުންވާ ކަމަށެވެ. މީގެ ސަބަބުން އިސްލާމް މާއްދާގެ މަންހަޖުން ބައެއް ކޮންޓެންޓް އުނި ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
މިހާރު ލީނިއަރ އުސޫލުން ގްރޭޑް 11 ގެ ކުދިންނަށް ކިޔަވައިދެމުން ދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މޮޑިއުލަރ އުސޫލަށް ބަދަލު ކުރުމަށް ނިންމާފައި އެވެ. މި ބަދަލާއެކު ދަރިވަރުނަށް 11 ނިންމާފައި ގައުމީ އިމްތިހާނެއް ދިވެހި އަދި އިސްލާމް މާއްދާއިން އޮންނާނެ އެވެ.