ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، 33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް އެއްލާލަނީ 14،733 މީހުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ފަރާތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، 33 އިންސައްތަ މުވައްޒަފުން ވަކިކުރާ ވާހަކަ ދައްކަމުން އަންނައިރު، ހިސާބު ނަންބަރުތަކުން ބަލާ ނަމަ އެއީ 14،733 މުވައްޒަފުން ކަމަށެވެ. އެ މީހުން ވަޒީފާ އިން ވަކިކޮށް މަގުމަތި ކޮށްލާއިރު، އެއީ ކިތައް މީހުން ބަރޯސާވާ އާމްދަނީ ހޯދަމުން އަންނަ މީހުންތޯ ބަލާލަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ 14،000 މީހުންގެ އާމްދަނީ އެންމެ މަދު ވެގެން ވެސް 50،000 މީހުންގެ ދިރިއުޅުމާ ގުޅޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ 20 ނުވަތަ 25 އިންސައްތަ މީހުން ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ. އެއާ އެކު ފައްޔާޒް ވިދާޅުވީ، ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުން، 22،945 މީހުންގެ ވަޒީފާ ގެއްލިގެން ނުވަތަ ފައިސާ ނުދެވިގެން ބެލެހެއްޓި ކަމަށެވެ. 

އެމްޑީޕީގެ ސަރުކާރުން ހާމަކަން ބޮޑު ޕްރޮގްރާމެއް ރައްޔިތުންނަށް ސާފުކޮށްދީ، ކަން ކުރާނެ ގޮތް ރައްޔިތުންނަށް ބުނެދީގެން 419 މިލިއަން ރުފިޔާ އެ ޕްރޮގްރާމަށް ޚަރަދު ކުރި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭގެ ސަބަބުން އެތައް އާއިލާތަކާއި، އެ އާއިލާތަކާ ގުޅިފައިވާ އެތައް ވިޔަފާރިތަކެއް ސަލާމަތް ކުރެވުނު ކަމަށް ފައްޔާޒް ވަނީ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އަލުން އަނބުރާ އަރައި ގަންނަން ލިބުނު ފުރުސަތަކީ އެފަދަ ޕްރޮގްރާމްތައް ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައި އެވެ.

ސާދަ ހާސް މީހުންގެ އާމްދަނީ، މަދުވެގެން ފަންސާސް ހާސް މީހުންގެ ދިރިއުޅުމާ ގުޅުން އެބަހުރި. ފަންސާސް ހާސް މީހުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތް ގަނޑަކަށް ވިހި ނުވަތަ ފަންސަވީސް އިންސައްތަ މީހުން. ކޮވިޑުގެ އެ ބޮޑު ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުން ބާވީސް ހާސް ނުވަ ސަތޭކަ ސާޅީސް ފަސް މީހުން ބެލެހެއްޓިން، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާގެ ފައިސާ ނުލިބިގެން
ފައްޔާޒް އިސްމާއީލް

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ޕީސީބީ އިން މިހާރު ބުނަނީ ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރާ ވާހަކަ ކަމަށެވެ. އޭގެ މާނަ އަކީ ސަރުކާރުގެ ކުންފުނިތައް ގޯސް ދިމާލެއްގައި އޮތުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަންބަރުތަކަށް ބަލާލުމުން، ރައިޓް ސައިޒް ކުރުމުން ދަނީ އެމްޑީޕީ ސަރުކާރުގެ އަދަދުތަކާ ހަމައަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ކުންފުނިތަކުން ގިނަ މުވައްޒަފުންތަކެއް ވަކިކުރުމަށް ވަނީ ނިންމައިފަ އެވެ.