ރައީސް މުއިއްޒުގެ ސަރުކާރުން
ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު
ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ދިވެހިންނަށް އަސަރު ކުރާ ބޮޑު
ހަނގުރާމައެއް ދުނިޔޭގައި ކުރެވެމުން ދާއިރު، ހަނގުރާމައިގެ ސަބަބުން ދިމާވާ
ދަތިތަކުން އަރައިގަންނަން ކުރަމުން ދަނީ ކޮން މަސައްކަތެއް ކަމެއް ސަރުކާރުން ހާމަ ނުކުރާ
ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މި ހަނގުރާމައާ ގުޅިގެން ކުރާ
އަސަރު ކުޑަ ކުރުމަށް ވިޔަފާރިވެރިންނާ ވެސް މިސަރުކާރުން ބައްދަލުކޮށް
މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ރައްޔިތުންނާ މަޝްވަރާ ނުކޮށް ނިންމުންތައް
ނިންމުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ގައުމަށް ވަމުންދާ ކަމަށް ވެސް ވިދާޅުވި
އެވެ.

ބޮޑު ކަޅު ހޮހަޅައިގައި ދިވެހި ރައްޔިތުން ބައި ތިއްބައިގެން ނުބައި ނިންމުންތައް ނިންމަމުން، ނިންމަމުން، ނިންމަމުން އެދަނީ އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޅި އިގުތިޞާދު ހަމަ އެއްކޮށް ފުނޑު ފުނޑު މިވަނީ، އިގުތިޞާދު ފުނޑު ފުނޑު ވީމަ އިޖުތިމާއީ ނުރައްކަލަށް މިދަނީ، މީގަ އޮތީ އިޖުތިމާއީ ނުރައްކަލެއް އެކަންޏެއް ނޫން
ފައްޔާޒް އިސްމާއީލް

ދިވެހި ރާއްޖެ މިހާރު އޮތީ ޖިއޯ ޕޮލިޓިކްސްގައި
ވަރަށް ޑިމާންޑް އޮތް ހިސާބެއްގައިކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ރައްޔިތުންތަކެއް މަގުމަތި ވެގެން ގޮސް، އިންސްޓެބިލިޓީ ބޮޑު ވަމުން އަންނަ
ހާލަތެއްގައި އިސްތިގުލާލަށް އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން މިފަދަ ހާލަތެއްގައި ބޮޑެތި ބާރުތަކުން އެތެރޭގެ ކަންކަމުގެ
ތެރެއަށް ވަންނަން މަސައްކަތް ކުރުމަކީ ގާތް ކަމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ކަޅު ބާޒާރުގައި ޑޮލަރު ހުރީ
އެކާވިސް 21.35 ލާރި އަށް ކަމަށް ފާހަގަ ކުރައްވައި، ފައްޔާޒް ވަނީ ސަރުކާރަށް ވަރަށް ބޮަށް ފާޑު ވިދާޅުވެފައި އެވެ.