ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގައި، އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށްކަމަށް ޙުކުމް ކުރުމާއެކު، އެ މައްސަލައިގެ އަޑުއެހުންތައް ފަށަން
ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް
ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަ އޮތީ
މަޑުޖައްސާލާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ
ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ
ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެ އެވެ. އެއީ ޝަރީއަތުގެ ކުރީގެ
ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު
ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި
ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް
ކަނޑައެޅުމަށެވެ.

އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި
އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި
އެންގުމެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށް
ކަމަށެވެ.

އެހެންކަމުން
މިހާރު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް ފަށަން
ތައްޔާރުވެފައެވެ. އެގޮތުން އަންނަ މަހު އަޑުއެހުންތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް
އެ ކޯޓުން މައުލޫމާތު ދެ އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ
ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް
ހުކުމްކޮށްފައިވާއިރު، ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ
ދައުވާ ސާބިތުވެފައި ވާކަަމަށް ކަނޑައަޅައި، 4 އަހަރުގެ ޖަލު ހުކުމެއް ވަނީ
އިއްވާފައެވެ. އަދި މި ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ 18 އޭޕްރީލް 2024
ގައެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔޫސުފް
ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ،
އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 25
ޑިސެންބަރު 2022 ގައި ހުކުމްކޮށްފައިވެއެވެ. މި މައްސަލަ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން 18 އޭޕްރީލް 2024 ގައި ޔޫސުފް ނައީމަށް ކުރި ހުކުމް ބާތިލް
ކަމަށް ކަނޑައަޅައި، އަލުން މައްސަލަ ބެލުމަށް އޭރު އަންގާފައިވެ އެވެ.

އެ މައްސަލަ އަލުން ބަލާއިރު، ދައުލަތުން
ފަހުން ހުށަހެޅި އާ ހެކިތައް ބަލައެއް ނުގަންނާނެ އެވެ.