ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އެންމެ އިސް
މަޤާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 10 މީހަކު އެ މަޤާމަށް ކުރިމަތިލައިފި އެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19
ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ސުންގަޑި ހަމަވިއިރު މި މަޤާމަށް ކުރިމަތިލާފާއިވާ
ފަރާތްތަކަކީ، ހޫދު މުޙައްމަދު / ވަލުގެ، ގދ.މަޑަވެލި، އަޙްމަދު ރިފްޢަތު /
ސީފިޔާގެ، ރ.މަޑުއްވަރީ، އާދަމް ޝަމީމު / މަލާޒް، ދ.މާއެނބޫދޫ، އާމިނަތު ނަޝްމީ
ފަޟީލް / މ.ޒޭވަރު، މާލެ، ޢާއިޝަތު ޙިކްމާ / އަސްރަފީވިލާ، ސ.ހިތަދޫ، އިސްމާޢީލް
ސާޖިދު / މއ.ވިލާރޮދި، މާލެ، މުޙައްމަދު ނިޔާޒް / ނައިޓްރޯސް، މ.ރަތްމަންދޫ، މަރްޔަމް
ޝަހާނާ / މ.މެދުރިޔާ، މާލެ، މަރްޔަމް ނިހާޔަތު / މ.ތާޖް، މާލެ އަދި ޝަފީޤާ ނަޢީމް
/ ބީޗްސައިޑް، ފ.ނިލަންދޫ އެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ 30،000
ރުފިޔާއެވެ. މީގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27،235 ރުފިޔާ އަދި
ފޯނު އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ލިބޭނެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ
އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ އިދާރީ
އެންމެ އިސް ފަރާތެވެ.

މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ
ކަންކަން ބެލެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ކޯޓުތަކުގެ ރަޖިސްޓްރާއިން
އައްޔަނުކޮށް ވަކި ކުރުމުގެ ބާރުވެސް މި މަޤާމުގައި ހުންނަ ފަރާތަކަށް ލިބިގެންވެ
އެވެ.

މީގެ އިތުރުން، ޖޭއެސްސީގެ ލަފަޔާއެކު
ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުންވެސް މި މަޤާމުގެ
ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. މިއީ ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ
ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ
ކޯޓުތަކުގެ އިދާރީ ހިންގުން ރަނގަޅުކޮށް ހިނގުމަށް މަސައްކަތް ކުރާ އެންމެ އިސް
ފަރާތެވެ. މި މަޤާމުގައި ހުންނަ ފަރާތަކުން ކޯޓުތަކުގެ އިދާރީ ހިންގުމުގައި ހުރި
މައްސަލަތައް ހައްލުކުރުމާއި، ކޯޓުތަކުގެ ހިދުމަތްތައް ރައްޔިތުންނަށް އެންމެ
ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހެ އެވެ.