ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) އާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ނިންމައިފި އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ގެނައި މި ބަދަލާއެކު، އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައު އުސޫލަށް އަމަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވަނީ ޕާމަނަންޓް ސެކްރެޓަރީންނާއި ކައުންސިލްތަކުގެ އިސްވެރިންނަށް ސިޓީއަކުން އަންގަވާފަ އެވެ.

މި އައު އޮނިގަނޑުގެ ދަށުން ރަށު ކައުންސިލްތަކުގެ އެސްޖީންނަށް މީގެ ކުރިން ލިބެމުންދިޔަ 32،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 17،000 ރުފިޔާގެ މުސާރައެކެވެ. މިއީ 15،000 ރުފިޔާގެ އުނިކުރުމެކެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކުގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މީގެ ކުރިން ލިބެމުންދިޔަ 53،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 47،000 ރުފިޔާގެ މުސާރައެކެވެ. މީގެ އިތުރުން ޕާމަނަންޓް ސެކްރެޓަރީންނަށް މުސާރައިގެ ގޮތުގައި މީގެ ކުރިން ލިބެމުންދިޔަ 53،000 ރުފިޔާގެ ބަދަލުގައި ދެން ލިބޭނީ 47،000 ރުފިޔާ އެވެ.

މި ނިންމުމާ ގުޅިގެން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. ގިނަ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ގައުމުގެ އިގްތިސާދު މެނޭޖުކުރުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެގޮތުން ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އިސްވެ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ،  ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ  އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަކިކުރަމުންދާ މައްސަލަ މިވަނީ ހޫނުވެފަ އެވެ. މިގޮތުން، ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމުމުގެ އިތުރުން، ހަތަރު މަސްދުވަހުގެ މުސާރައާއެކު އަމިއްލައަށް ފެނިގެން ވަޒީފާތަކުން ވަކިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.