ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން
އެރަށު ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއެއް ހިނގަމުންދާކަމަށް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ
ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫއަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހިންގާ މަޝްރޫއެއް
ކަމަށާއި، މިއީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބޭނެ މަޝްރޫއެއް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް
ދިން މައުލޫމާތުގައި ބުނީ، ހޮނިހިރު ބާޒާރަކީ އެންމެ ފުރަތަމަ އެމްޑީޕީގެ ވެރިކަމުގައި
އުފައްދާފައިވާ ބާޒާރެއް ކަމަށެވެ. މި ބާޒާރުގައި ކޮންމެ ހޮނިހިރު ދުވަހަކު އަތޮޅުތެރޭގެ
އެކި ރަށްރަށުން ރައްޔިތުން އައިސް ދަނޑުވެރިކަމުގެ ބާވަތްތައް ފަދަ އެކިކަހަލަ މުދާ
ވިއްކާކަމަށް ކައުންސިލުން ބުނެ އެވެ.
މިހާރު ކައުންސިލުން މަޝްވަރާކޮށް ނިންމާފައިވަނީ
ބާޒާރު އޮންނަން ޖެހޭ ކޮންސެޕްޓުގައި މި ތަން ތަރައްޤީކުރުމަށެވެ. އަދި ވިއްސާރަ ދުވަސްތަކުގައި ވެސް
އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ހިޔާކޮށްގެން އެތަން ތަރައްޤީކުރުމަކީ
ކައުންސިލުގެ ވިސްނުން ކަމަށް ކައުންސިލުން ބުނެ އެވެ.
މި މަޝްރޫއު ފުރިހަމަވުމުން އެކި ބޭނުންތަކުގައި
ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އޭރިއާއެއްގެ ގޮތުގައި ވެސް އެތަން ބޭނުންކުރެވޭނެ
ކަމަށް ކައުންސިލުން ބުނެ އެވެ. މިއީ ބާޒާރު ބޭނުންކުރާ ފަރާތްތަކަށް ހަމަޖެހުމާއި ފަސޭހަކަން
ލިބޭނެ ގޮތަކަށް ތަރައްޤީކުރުމުގެ ވިސްނުމުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ކައުންސިލުން
ފާހަގަކުރެ އެވެ.

މަޝްރޫއު ފުރިހަމަވުމުން އެކި ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އޭރިއާއެއްގެ ގޮތުގައި ވެސް އެތަން ބޭނުންކުރެވޭނެ|ރާއްޖެ އެމްވީ
ހޮނިހިރު ބާޒާރު ފުރިހަމައަށް ތަރައްޤީކުރެވުމަކީ
ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު އަންނާނެ ކަމެއް ކަމަށް ކައުންސިލުން
ބުނެ އެވެ. ހަމައެއާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަޝްރޫއަށް ހަރަދުކުރާނީ
ކައުންސިލުގެ ބަޖެޓުން ކަމަށާއި، މިއީ ރައްޔިތުންގެ ފައިދާއަށް ކުރިއަށް ގެންދާ މުހިންމު
މަޝްރޫއެއް ކަމަށް ކައުންސިލުން ބުނެ އެވެ.