ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގެ ބަދަލު އެޕާޓީން ދީފި އެވެ.
ރާއްޖެއެމްވީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެ ހަމަނުޖެހުމާ ގުޅިގެން ޕީއެންސީ އިން ދޭން ޖެހުނު ބަދަލު މިހާރު އެ ސްކޫލަށް ދީފައިވާ ކަމަށެވެ.
ބަދަލުދީފައިވާތީ އިތުރު ފިޔަވަޅެއް ނާޅާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، ޕީއެންސީން އިތުރަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ގެއްލުންވި މުދަލަށް ބަދަލު ދީފައިވާ ކަމަށާއި، އިތުރު ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށެވެ.
މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ 11 ޖުލައި 2026 ގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގަ އެވެ.
މި މައްސަލައިގައި މީގެ ކުރިން 3 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެންބަރުން އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން އެ ސްކޫލްގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން އެބަ ހުއްޓެވެ.