މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭނުންވާ ނަމަ، އެ ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ކައުންސިލްގެ ބައްދަލުވުމުގައި މިކަން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރަށްރަށުގެ ކައުންސިލްތަކުން އެ ފަރާތްތަކާ ބައްދަލުކުރަން ބޭނުންވުމުން އެކަށީގެންވާ ޖާގަ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތު ފަހިކޮށްދިނުމަކީ ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ހިލޭ ދޫކުރުމުގެ އިތުރުން، އެ ބައްދަލުވުންތަކަށް ބޭނުންވާ ސައިފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ، މާލެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމްގެ މި ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ ތާއިދާއެކު، މިއަދު ވަނީ އިއްތިފާގުން މިކަން ފާސްކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް ކައުންސިލްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މީގެއިތުރުން ވެސް މާލެ ސިޓީ ކައުންސިލުން މިފަހުން ވަނީ މާލޭގައި އަލަތު ކައިވެނިކުރާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ކައިވެނީގެ ވަލީމާ ބޭއްވުމަށްޓަކައި ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް ވެސް ނިންމައިފަ އެވެ.