ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓް ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދުނުކެނޑި ލިބެން ހުންނަކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކޮށްފައިވާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށް އަދާހަމަކޮށްފައިވާ ކަމަށާއި މި ލިސްޓު ގިންތި ކުރެވިފައިވާ ދެ ގްރޭޑްގެ ބޭސް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ކޮންމެ ފާމަސީއަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ފާމަސީ ގިންތި ކުރެވިފައިވާ ގޮތުގެ ތަފްސީލް "ގައިޑްލައިން އޮން މިނިމަލް ރިކުއަރމަންޓް އޮފް އެސެންސިއަލް މެޑިސިންސް އިން ފާމަސީ" ގައި ތަފްސީލުކޮށްފައިވާނެ ކަމަށެވެ. އަދި މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓާއި ހެލްތް މިނިސްޓްރީގެ ވެބްސައިޓްގެ އިތުރުން ދިރިތި ޕޯޓަލްގެ ޕަބްލިކޭޝަނުން ލިބޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި ބަދަލާއެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް ގިންތި ކުރެވިފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަ މަސް ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ އެވެ. އަދި އަލަށް ހުޅުވާ ފާމަސީ، ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސް ހަމަކުރުމަށް ކަމަށް ދެންނެވީމެވެ.
އެމްއެފްޑީއޭގެ އިއުލާނުގައިވޭ

މިކަމާ ގުޅޭ އިތުރު ތަފްސީލް އެމްއެފްޑީއޭގެ މެޑެސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން 7200321 އަށް ގުޅުމުން ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓް ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް އެމްއެފްޑީއޭއިން އަންގާފައިވާއިރު، ބަލި މީހުންނަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް އެސްޓީއޯގެ ފާމަސީތަކުން މީގެ ކުރިން ލިބެމުންދިޔަ ބޭސްތައް ނުލިބޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.