އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ
"ސަވާހިލި" ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ
ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން
ބީލަމަށް ވެސް ހުޅުވާލާފައިވަނިކޮށްކަން ހާމަވެއްޖެ އެވެ.
ބުދަ ދުވަހުގެ
ރޭ ދަންވަރުވާން ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު ނެރުއްވި މި ގަރާރަކީ އައްޑޫ
ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމާ ގުޅޭގޮތުން ނެރުއްވާފައިވާ ގަރާރެކެވެ.
ސަރުކާރުން މި ރަށް އަތުލާފައިވަނީ، ސަވާހިލި އެންޓަޓެއިންމަންޓް
އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ
ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ.
ރައީސްގެ
ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ
ބޭނުމަށް އެ ރަށް ބޭނުންކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް
އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން
ފާޅުކުރަމުންނެވެ. ހާއްސަކޮށް، ކައުންސިލުން އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް،
ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މިފަދަ ގަރާރެއް ނެރުއްވުމަކީ ސަރުކާރުން
ކައުންސިލުތަކަށް ޖެއްސުންކުރުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކަށް ހުރަސްއަޅައި،
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހިންގި އަމަލެއްގެ ގޮތުގައި ވެސް ބައެއް
ފަރާތްތަކުން ތުހުމަތުކުރެ އެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް
ހިންގުމަށް ކައުންސިލުން ރާވާފައިވަނިކޮށް، އެއްވެސް މަޝްވަރާއެއް ނެތި ސަރުކާރުން
މިގޮތަށް ރަށްތައް އަތުލުމަކީ ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް
ކަމަށް އާންމުން ދަނީ ބުނަމުންނެވެ.