ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު
އަދިރި ދުވަސްތަކެއް ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެ
އެވެ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖި.އޭ)
އާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޝަމާޢު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރު ފިޔަވައި ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ވެސް ދަނީ
ރައްޔިތުންނަށް ދީފައިވާ ބާރުތައް އަތުލަމުން ކަމަށެވެ.
ޝަމާޢު
އިތުރަށް ވިދާޅުވެފައިވާ ގޮތުގައި 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު
މަޖިލީހުގައި މަސައްކަތް ކުރެވެމުން ދިޔައީ ރައްޔިތުންނަށް އިތުރު ބާރުވެރިކަން
ދިނުމުގެ މަޤްސަދުގައި އެވެ. މި އުސޫލުގެ ދަށުން ވަނީ ކުރީގެ އެޓޯލް މިނިސްޓްރީ ތަކުން
މާލޭގައި ހިންގަމުން ދިޔަ ޖަރީމާތައް އެ ދައުރުގައި ހުއްޓުވާފައި ކަމަށް ޝަމާޢު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ފަހުގެ ޤާނޫނު އަސާސީ އަލަށް ގެނައިއިރު، 2008 ވަނަ އަހާރާއި، 2007 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ވެސް އަޅުގަނޑުމެންނަށް ވަރަށް ހޭލުންތެރި ވެވިގެން ރައްޔިތުން މަޖިލީސް ޖަލްސާތައް ބެލި. އޭރު މަޖިލީހުގެ ރޫހު ވެސް އޮތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބާރުވެރިކަން ދިނުމަށް. މާނަ އަކީ މާލޭގައި އެޓޯލް މިނިސްޓްރީއެއް ހަދައިގެން ފިނިކުރި ކޮޓަރިއެއްގައި ހިންގަމުން އައި ޖަރީމާތައް ހުއްޓުވާ ރައްޔިތުންނަށް އެ ބާރުވެރިކަން ދޭން.ޝަމާޢު ޝަރީފް
ނަމަވެސް މިހާރު މި ފެނިގެން ދަނީ އެލް.ޖީ.އޭ އިން ކުރީގެ އެޓޯލް
މިނިސްޓްރީ އިން ކަންކުރި ގޮތަށް، އެބޭފުޅުން ކަންކަން ކުރަން ބޭނުންވާ ގޮތަށް
މަސައްކަތް ކުރަމުންދާ ތަން ކަމަށް ޝަމާޢު ވިދާޅުވި އެވެ. އަދި ޤާނޫނު އަސާސީގެ 230
ވަނަ މާއްދާގައިވާ ގޮތުން އިދާރީ ދާއިރާތައް ހިންގަން ޖެހޭނީ ލާމަރުކަޒި އުސޫލުން
ކަމަށާއި، މިކަމަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ، އެހެން ބޭފުޅަކަށް ވެސް ބާރު ލިބުގެންވާ
ކަމެއް ނޫން ކަމަށް ޝަމާޢު ވަނީ ވިދާޅުވެފައި އެވެ.
ހަމައެއާ އެކު މިކަމަކީ ސަރުކާރުން ސިޔާސީ މަޤްސަދު ތަކެއް ހާސިލު ކުރުމަށް އަދި ވަކި ބަޔަކަށް ފައިދާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ޝަމާޢު ވަނީ ވިދާޅުވެފައި އެވެ. އަދި މިކަން ހައްލު ކުރުމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އާއެކު ރާއްޖޭގެ
އެންމެހައި ރައްޔިތުންނާއި، ކައުންސިލަރުން ބައިވެރިވުމަށް ޝަމާޢު ވަނީ ގޮވާލައްވައިފަ އެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ސަރުކާރުން ނިންމައިފައި ވަނީ ހަރަދު ކުޑަކުރުމުގެ
މަޤްސަދުގައި ކަމަށް ބުނެ އެވެ. ނަމަވެސް މިއީ ސަރުކާރުގެ އަސްލު މަޤްސަދެއް ނޫން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.