މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އިންޑިއާ އިން
ރާއްޖެ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިއަން މާލެ
ތަރައްގީ ކުރުމާއި، ކައުންސިލްގެ ގާބިލުކަން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ
ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި މޭޔަރު އާޒިމް ވަނީ މުއައްސަސާތަކުގެ ސިޔާސީ
ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކޮށްގެން ކުރެވިދާނެ
މަސައްކަތްތަކާއި ތަމްރީނު ބޭނުންވާ ދާއިރާތައް ފާހަގަ ކުރައްވާފައިވެ އެވެ.

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި މާލެ ސިޓީ
ކައުންސިލުން  މި ދައުރުގައި އެންމެ އިސްކަ މެއް
ދޭނީ ކައުންސިލްގެ ގާބިލުކަން އިތުރުކުރުމަށާއި، އިންސާނީ ވަސީލަތްތައް
ތަރައްގީ ކުރުމަށް ކަމަށެވެ. 

އިންޑިއާގެ ސަފީރު ވަނީ މިހާރު ވެސް އައިޓެކްގެ
ދަށުން މިހާރު ވެސް ކޯސްތައް ކުރިއަށްދާކަން ފާހަގަ ކުރައްވައި، އިތުރު ތަމްރީނު
ފުރުސަތުތައް ފޯރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިންޑިއާގެ
މުނިސިޕަލް ކޯޕަރޭޝަންތަކާއި، މާލެ ސިޓީ ކައުންސިލާ ދެމެދު 'ސިސްޓަރ ސިޓީ' ގުޅުން
ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. އެގޮތުން ޗެންނާއީ
ކޯޕަރޭޝަން ފަދަ ތަންތަނާ އެކު، އެމް.އޯ.ޔޫ ތަކެއްގެ ދަށުން ގުޅުން ބަދަހި ކުރުމަށް
ސަފީރު ލަފާ ދެއްވި އެވެ.

އައުޓްޑޯ ޖިމް ސާމާނު ހޯދުމާއި، އާންމު
ތަންތަނުގައި ފޮތް ކިޔޭނެ ގޮތް ގާއިމު ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް
މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.