އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ
ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤު ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރައްވާފައިވާއިރު އެންމެ
ފުރަތަމަ މި ބިލު ފޮނުވާފައި ވަނީ މިދިޔަ މެއި މަހު 14 ވަނަ ދުވަހު އެވެ. ނަމަވެސް
އެ ބިލު ތަސްދީޤު ނުކުރައްވާ ރައީސް މުއިއްޒު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލާފަ
އެވެ.

ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ ބިލު
ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެނައި ބަދަލުތަކާ އެކު،
މި ބިލުގައި ހުރި ކަންކަން ތަންފީޒު ކުރުމުގައި ދިމާވެދާނެ ދަތިތަކަށް
ރިއާޔަތް ކުރެއްވުމެވެ.

އެގޮތުން ބިލުގައި ގައިދީންނަށް ގުނަވަން ހަދިޔާ
ކުރެވޭ ގޮތަށް އޮތުމުން ރައީސް ވިދާޅުވީ، ގައިދީންނަކީ ފުރިހަމަ ރުހުމާ އެކު
ގުނަވަން ހަދިޔާ ކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަ ކަމަށެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރުމަށް ފަހު
ބިލަށް ބަދަލުތަކެއް ގެނެސް އަލުން ފާސްކޮށްފައި ވަނީ ޖުލައި މަހުގެ 14 ވަނަ
ދުވަހު އެވެ. އަދި ތަސްދީޤު ކުރެއްވުމަށް 16 ވަނަ ދުވަހު ފޮނުވާފައިވެ އެވެ.

ބުރާސްފަތި ދުވަހު ރައީސް މި ބިލު ތަސްދީޤު
ކުރެއްވުމާ އެކު މިހާރު މި ބިލު ވަނީ ޤާނޫނަކަށް ވެފައި އެވެ. އަދި މި ޤާނޫނަށް
އަމަލު ކުރަން ފަށާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން
ފެށިގެންނެވެ.

މީގެ އިތުރުން މި ބިލުގައި ގުނަވަން
ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ އާންމު ހަމަތަކާއި ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ޙައްޤުތައް ބަޔާންކޮށްފައިވެ އެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާ ބެހޭ
ސިޔާސަތުތައް ކަނޑަ އަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން
ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން
ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދޭނީ މި ޤާނޫނުގެ ދަށުން އެކުލަވާލާ "އޯގަން
ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ.