އިގުތިސާދީ ކާރިސާއެއް ނެތް ކަމަށާއި ގައުމުގެ
ހާލަތު ގޯސް ވެގެން އުޅެނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހިންގަން
ނޭނގޭތީ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު
މަންސޫރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ރޭ އެމްޑީޕީން ބޭއްވި "ޖޮބް
ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި ރިޔާޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ
ސަރުކާރުގައި ކޮވިޑްގެ ދުވަސްވަރު ރާއްޖެ ބަންދުވެ އާމްދަނީ ލިބުން ހުއްޓިފައި
އޮތް އިރު ވެސް ވަޒީފާތައް ދެމިހެއްޓި ކަމަށާއި އަމިއްލަ ކުންފުނިތަކުގައި
މަސައްކަތް ކުރި މުވައްޒަފުން ހިމެނޭހެން 23 ހާހެއްހާ މީހުންނަށް އާމްދަނީ ދީފައި
ވާނެ ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި އާމްދަނީ ލިބޭނެ ގޮތެއް
ނެތްއިރު ވެސް މަސައްކަތް ކުރީ ވަޒިފާ އަދާކުރާ ފަރާތްތަކަށް ރައްކާތެރިކަން
ފޯރުކޮށްދޭން ކަމަށާއި ނަމަވެސް މިހާރު މިއޮތް ޕީއެންސީ ސަރުކާރުން މަސައްކަތް
ކުރަނީ މިއާ މުޅިން އިދިކޮޅަށް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އަސްލު ނެތް އިންގޭތޯ ސިޔާސީ މިދެންނެވީ އިގުތިޞާދީ ކާރިސާއެއް ވެސް މިއުޅެނީ ހިންގުމުގެ މައްސަލައެއް ދިމާވެގެން، ހިންގަން ނޭންގިގެން މިއުޅެނީ، މިހާލުގައި މި ބުނަނީ މިހާރު އަޅުގަނޑުމެން މިއޮތީ ކުރީގައި ވަރަށް ބޮޑު ގޯހެއް ހެދިފަ އޭ، އެހެންވީމަ އެ ގޯސް ރަނގަޅު ކުރަން 3 މަސްތެރޭގައި 14 ހާސް މީހުން ކަނޑާލަންވީއޭރިޔާޒު މަންސޫރު
ރިޔާޒު ވިދާޅުވީ ކުންފުނިތަކަށް ބަދަލުތަކެއް ވެސް
ގެންނަން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިކަން މިއަށް ވުރެ މާ ރަނގަޅަށް ކުރެވެން
ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ރިޔާޒް ވިދާޅުވީ ސަރުކަރު
ކުންފުނިތަކުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި
ކުންފުނިތަކުގެ މުވައްޒަފުންނަށް މިނިވަންކަމާއެކު ހަރަކާތް ތެރިވެވޭނެ ގޮތެއް
ރާވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ނާގާބިލު މީހުން ކުންފުނިތަކުގެ ހިންގުމަށް
ލައިގެން ކުންފުނިތަކުގެ ހާލު ދެރަވެ، ސިޔާސީވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.