ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އައްޑޫސިޓީގެ 'ސަވާހިލި' އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވުމަކީ އެ ސިޓީގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ދަންވަރުވާން ގާތްވެފައި ވަނިކޮށް ރައީސް މުއިއްޒު ނެރުއްވި މި ގަރާރަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލުގެނައުމާ ގުޅޭގޮތުން ނެރުއްވާފައިވާ ގަރާރެކެވެ.

ސަރުކާރުން މި ރަށް އަތުލާފައިވަނީ، ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީގެ އިޚްތިސާސުން އެ އަތޮޅު ސަވާހިލި ވަކިކޮށް މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އެރަށް ގެންދިޔައީ, އައްޑޫ ސިޓީގެ ކައުންސިލުން އެރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ، ތަރައްޤީކޮށް، ހިންގައި، މެނޭޖްކުރުމަށް ބީލަމަށް ހުޅުވާލިކަން އިޢުލާނުކޮށްފައި ވަނިކޮށް ކަމަށެވެ. 

މި މަޝްރޫއަކީ އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ޚާއްސަކޮށް ސަވާހިލި ކުރިމަތިން ފަތުރުވެރިކަމުގެ ޒޯން އޮންނަ ފޭދޫގެ އިތުރުން، އައްޑޫގެ އެހެން ރަށްތަކުގައި ވެސް ގެސްޓްހައުސް ވިޔަފާރިއާއި، ކުދި އަދި މެދުފަންތީވެ ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

އެހެންނަމަވެސް، އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ކައުންސިލުގައި ހޭވެސް އަހާނުލައި ސަރުކާރުން މި ނިގުޅައިގަތީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށްބޮޑު ހައްގެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ ސިޓީގެ ރައްޔިތުންގެ މުސްތަގުބަލާމެދު ގޮތް ނިންމަވަން ވާނީ މާލޭގައި ފިނި ކޮޓަރީގައި ތިބޭ ބައެއް ނޫން ކަމަށާ އެސިޓީގެ ރައްޔިތުންގެ އަމިއްލަ މުސްތަގުބަލު ބައްޓަން ކުރާނެ ގޮތް ކަނޑައެޅުމުގެ ހައްގު އޮންނަން ވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މުސްތަގުބަލާއި ގުޅުން އޮތް ސަވާހިލި އެސިޓީގެ ރައްޔިތުންނާއި މިހިނދުން މިހިނދަށް އަނބުރާ ހަވާލު ކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ކައުންސިލުން އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް، ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް މިފަދަ ގަރާރެއް ނެރުއްވުމަކީ ސަރުކާރުން ކައުންސިލުތަކަށް ޖެއްސުންކުރުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތަކަށް ހުރަސްއަޅައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހިންގި އަމަލެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް ހިންގުމަށް ކައުންސިލުން ރާވާފައިވަނިކޮށް، އެއްވެސް މަޝްވަރާއެއް ނެތި ސަރުކާރުން މިގޮތަށް ރަށްތައް އަތުލުމަކީ ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ.