ގޫގުލް އިން އައްޑޫ ސިޓީގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން
ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީ ހެދުމަށް ދީފައިވާ ބިމުން އެ ސިޓީ ކައުންސިލުން
ކުލި ނަގާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ނިޒާރު ވިދާޅުވީ ގޫގުލް އަށް
ދޫކުރި ބިމުގެ ވާހަކަ ކުރިން ނުދެއްކި ނަމަވެސް ގޫގުލްގެ އަތުން ނަގަން
ހަމަޖެހިފައިވާ ކުލި ޔަގީން ކަމާއެކު ނަގާނެ ކަމަށެވެ.

ގޫގަލްއަށް ދޫކުރެވުނު ބިމުގެ ވާހަކަ ކުރިން ޕަބްލިކުގައި ނުދައްކަން،
ސަރުކާރުން ބޭނުންވި ގޮތަށް އެކަން ކުރަން އަޅުގަނޑުމެން ނިންމައިގެން މިތިބީ
އެހެންނަމަވެސް އަޅުގަނޑު ޔަގީން ކަމާއެކު ރައްޔިތުންނަށް ދޭނެ ޔަގީންކަމަކީ
ގޫގަލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދުމަށްޓަކައި  އަޅުގަނޑު މަސައްކަތް ކުރާނަން
މޭޔަރު އަލީ ނިޒާރު 

ހަމާއެއާއެކު މި މަޝްރޫޢުއަށް ކިތަންމެ ބޮޑު އިންވެސްޓްމެންޓެއް ގޫގުލް އިން
ކޮއްފައިވީ ނަމަވެސް އެ އިންވެސްޓްމެންޓާ ގުޅޭ ވަރަށް ކުލި ނަގާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި މަޝްރޫއަކީ ރާއްޖެ އާއި އޮމާން އަދި ކްރިސްމަސް އައިލެންޑް ކަނޑުއަޑީގެ
ކޭބަލް ސިސްޓަމަކުން ގުޅާލުމަށް 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި އެއްބަސްވެފައިވާ
މަޝްރޫއެކެވެ. މި މަސައްކަތަށް ގޫގުލް އަށް ދިނުމަށް ހަމަޖެހިފައިވާ 1.5
ހެކްޓަރުގެ ބިން ހިލޭ ދިނުމަށް ވެސް ސަރުކާރުން ވަނީ އޭރު އެއްބަސްވެފަ އެވެ.