ސިނަމާލެ
ބްރިޖުގައި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ބިރުވެރިކަން އުފެދޭ ގޮތަށް
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސްފި އެވެ.
މި ތިން ސައިކަލު
ފުލުހުން ޓޯކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ
ގަވާއިދުތަކާ ހިލާފުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބްރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން
ސައިކަލެއް 2026 ޖުލައި 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ
ކަމަށެވެ. އަދި މި ސައިކަލުތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން
މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން
މި ފިޔަވަޅު އަޅާފައިވަނީ، ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު
ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދަނިކޮށެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ސައިކަލު މަތީގައި އޮށޯވެގެން ތިބެ
ބާރު ސްޕީޑުގައި ދުއްވަމުންދެ އެވެ.
މީގެ އިތުރުން،
ބްރިޖުގައި ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް، އާންމުންގެ ހިތްތަކަށް
ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް ސައިކަލުތައް ދުއްވާ މަންޒަރު ވެސް އެ ވީޑިއޯތަކުން
ފެނެ އެވެ.
މިފަދަ ނުރައްކާތެރި
އަމަލުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް
ފުލުހުން ފާހަގަކުރެއެވެ. ބްރިޖާއި ހައިވޭ ފަދަ ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ
ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން
އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.
ސިނަމާލެ
ބްރިޖަކީ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ތަނަކަށް ވާއިރު، މިފަދަ ނުރައްކާތެރި
އަމަލުތަކުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި އެކްސިޑެންޓްތައް ހިނގައި، މީހުންގެ
ފުރާނައަށް ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މަގުމަތީގެ ގަވާއިދުތަކަށް
ބޯލެނބުމަށާއި، އަމިއްލަ ނަފްސާއި އަނެކުންގެ ސަލާމަތަށް އިސްކަންދިނުމަށް ކަމާބެހޭ
އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.
މި
މައްސަލައިގައި 3 ސައިކަލެއް ޓޯކޮށްފައިވާއިރު، ސައިކަލު ދުއްވި ފަރާތްތަކާމެދު
އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.