މާލޭގައި
ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މާލޭ ކޯޓު ކޮމްޕްލެކްސް" އިމާރާތްކުރުމުގެ
މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓުން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފި
އެވެ.

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން
މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ކޯޓުތަކަށް
ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދައިދިނުމަށް ހުޅުމާލޭގައި
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި
ފައްޓަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، އެ މަސައްކަތް
ނުފެށި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

އެންމެ
ފަހުން މިހާރު މި މަޝްރޫއު ޙަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް
ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް
އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި
ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ
އެވެ.

މި މަޝްރޫޢުގެ
ދަށުން މާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 14 ބުރީގެ ޒަމާނީ އިމާރާތެކެވެ. މި
އިމާރާތަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، ކޯޓުތަކަށް ދިމާވެފައިވާ
ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަމަށް
މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ކޯޓު ކޮމްޕްލެކްސް
ފަރުމާކުރެވިފައިވަނީ ރާއްޖޭގެ މުހިންމު ގިނަ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ
އިންތިޒާމުތަކާއެކުގަ އެވެ. އެގޮތުން މި އިމާރާތުގައި ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް
ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ބޭނުންވާ
އެންމެހައި ޖާގަތައް ހިމެނޭނެ އެވެ.

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން|ހައުސިންގ މިނިސްޓްރީ

މީގެ އިތުރުން،
ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަވެސް މި 14 ބުރީގެ
އިމާރާތުގައި ހިމެނުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ އެކި
ސަރަޙައްދުތަކުގައި މިހާރު ކޯޓުތައް ހިންގަމުންދާއިރު، ގިނަ ކޯޓުތަކަކަށް ވަނީ ޖާގައިގެ
ދަތިކަން ކުރިމަތިވެފައެވެ. މި އައު އިމާރާތާއެކު އެ ހުރިހާ ކޯޓުތަކެއް އެއް ސަރަޙައްދަކުން
ޚިދުމަތް ދޭން ފެށުމަކީ ޝަރުޢީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން
ފާހަގަކުރެ އެވެ.