މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންތެރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް މުއިއްޒު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރައްވާފަ އެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުމެވެ. މި މުހިންމު ވާޖިބު އަދާކުރުމަށްޓަކައި ގައުމީ ލޯބި އިސްކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޒުވާނުންގެ ގާބިލުކަން އިތުރުކުރުމާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް މުއިއްޒު އަލިއަޅުއްވާލެއްވި އެވެ. އަދި މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުމަކީ މިނިވަންކަން ދެމެހެއްޓުމަށް އިންތިހާއަށް ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ މި ހުރިހާ ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވަނީ ގައުމީ މަސައްކަތުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވާފަ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި މުޖުތަމައުގައި އާއްމު ރައްޔިތުންގެ ބަދަހި ގުޅުންތަކަށް ހީނަރުކަން އަންނަ ގޮތަށް އެމަނިކުފާނު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ބަދަލު ގެނައުމަށްޓަކައި އަދި ރާއްޖެއަށް ބޭސް އެތެރެކުރާ އަމިއްލަ ވިޔަފާރިވެރިންނަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް އަމާޒު ކުރެއްވި އެވެ. އެއީ ބޭހުގެ މާފިޔާ ކަމާއި، ޑޮލަރު ވެސް ލިބުން ދަތިވަނީ ވިޔަފާރިވެރިންގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.