އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް
ކުރުމަށް އިދިކޮޅު ފަރާތްތަކުގެ އޯޑަރު އަންނަ "އިދިކޮޅު ފަރާތެއް" ކަމަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި
ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ރައީސް
ވިދާޅުވީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މިހާރު ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް
ހާމަކޮށް ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް
އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުންނެވި އާހިދު ރަޝީދަކީ މިދިޔަ ސަރުކާރުން އައްޔަނު ކުރައްވާފައި
ހުންނެވި ބޭފުޅެއް ކަމަށާއި، އެއީ ސިޔާސީ ގޮތުން މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ
ބޭފުޅެއް ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅަށް
ކަންތައްތައް ކުރުމަށް އޯޑަރު އަންނަ ބޭފުޅަކު، ސަރުކާރަށް ފަހިވާ ގޮތަށް އެފަދަ އިއުލާނެއް
ނުކުރައްވާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވިނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނުގައި ބުނާ ވަކި މުއްދަތަކަށް ސަރުކާރުތަކުން އަައްޔަނުކުރާ މިނިވަން ފަރާތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު އެބަވޭ ވިދާޅުވެފައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިހާރު ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށް ނިންމައިފިއޭ، އިންފޮމޭޝަން ކޮމިޝަން ހިންގަން ހުރީ އިދިކޮޅު ފަރާތެއް، މިދިޔަ ސަރުކާރުން އައްޔަނު ކޮށްފައި ހުންނެވި ބޭފުޅެއް، ގައިމު ނުކުރައްވާނެ ދެއްތޯ ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު އެކަހަލަ އިއުލާނެއްރައީސް މުއިއްޒު
އެހެންކަމުން އެ އިއުލާނާއެކު ދޭހަވަނީ މައުލޫމާތު
ހާމަކުރުމާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި، އާރްޓީއައިތަކަށް ޖަވާބު
ދިނުމުގައި މި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަކީ ޖަވާބުދާރީ ކުރުވަނިވި ސަރުކާރެއްކަން އަމަލީ ގޮތުން ސާބިތުކޮށްދެމުންދާ
ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، މައުލޫމާތު
ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ރައީސް އޮފީހުން
ޖަވާބު ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. އެގޮތުން ގާނޫނާ އެއްގޮތަށް
މައުލޫމާތު ދޫނުކުރުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް
އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މީގެ އިތުރުން، އާރްޓީއައި ގާނޫނާ ތަކުރާރުކޮށް
ޚިލާފުވަމުންދާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެތައް ފަހަރަކު ރައީސް
އޮފީހަށް އިންޒާރުވެސް ދީފަ އެވެ. ސަރުކާރުގެ ވުޒާރާތަކުން މައުލޫމާތު ހާމަކުރަން ފަށާފައިވަނީވެސް
ގާނޫނުގައި ބަޔާންކުރާ މުއްދަތުތައް ފަހަނައަޅައި ދިޔަ ފަހުން، މީޑިއާތަކުން އެކަންކަން
ތަކުރާރުކޮށް ރިޕޯޓުކޮށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންކަން ފާހަގަކުރެވެ އެވެ.