ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅިވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގި، ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ''މިނިވަންކަމުން އަޅުވެތިކަމަށް''  ޚާއްސަ ކަވަރޭޖްގައި ނިޔާޒު ވިދާޅުވީ، މިހާރު ފެންނަމުންދަނީ ހަމަ އެންމެ މީހެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ޖަމާކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. 

އެގޮތުން ކައުންސިލްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި، ޖުޑިޝަރީ އަދި މީޑިއާތައް ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މިއީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ގެންދިއުމަށްޓަކައި ސަރުކާރުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރައްޔިތުންގެ ބާރު އަތުލުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ، މިކަމުގެ ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭ ކަމަށެވެ. 

ޔުނިވާސިޓީން ލާމަރުކަޒީ ނިޒާމާ ބެހޭގޮތުން ނެގި ސާވޭއަކާ ހަވާލާދީ ނިޔާޒު ވިދާޅުވީ، މި ނިޒާމާ ގުޅޭގޮތުން އަހުލުވެރިވެފައި ވަނީ ރާއްޖޭގެ އާބާދީގެ އެންމެ 19 އިންސައްތަ ކަމަށެވެ. އެހެންކަމުން، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުމަކީ އެމްޑީޕީއާއި މި ނިޒާމަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނިޒާމް އަހުލުވެރި ކުރުމަކީ އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ވެސް އަދި މިކަން ކުރިއަރުވަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ކުރަން ޖެހޭނެ ކަމެއް
އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ 'މަރުކަޒީ ސިޔާސަތަށް' ދިވެހި ރައްޔިތުން ތާއީދު ނުކުރާނެ ކަމަށާއި، އެންމެ ފަހުން ބޭއްވި ވޯޓުގެ ނަތީޖާއިން ވެސް 70 އިންސައްތަ ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީވެ، ރައްޔިތުންނާ ގާތުން ޚިދުމަތްތައް ލިބޭނެ ގޮތްވުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ރަނގަޅަށް އެނގުމަށްފަހު، މި ނިޒާމު ނޫން އެހެން ނިޒާމަކަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.