ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ބޭފުޅުންނަށް
އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި، އެންމެ ފަހުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރިއިރު އިޖުރާއީ އިންސާފު ނުވަތަ "ޑިއު
ޕްރޮސެސް" ފުރިހަމަކޮށްފައި ނުވާތީ އެއީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ
ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން މިނިވަން ދުވަހުގެ ޚާއްސަ
ކަވަރޭޖްގައި ވާހަކަދައްކަވަމުން ޤާނޫނު އަސާސީގެ ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި
އަޙުމަދު މުއިއްޒު ވިދާޅުވީ، ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ބޭފުޅުންނަށް
އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ
ކަމަށެވެ. އަދި އެ ފުރުސަތަކީ ރައްޔިތުންގެ ކުރިމަތީގައާއި ރައްޔިތުންގެ މަޖިލީހުގައި ވެސް
ދެވެންޖެހޭނެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މަތީ
ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރެވިގެން ދިޔައިރު، ކަންކަން ހިނގާފައިވަނީ
އެންމެ ރަނގަޅު އުސޫލުންނެއް ނޫނެވެ. އެގޮތުން ޑިއު ޕްރޮސެސް ރަނގަޅަށް ގެންދެވިފައި
ނެތުމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ
ފަނޑިޔާރުންނާމެދު އެގޮތަށް އަމަލު ކުރެވިގެން ދިއުމަކީ ދިވެހި ހުރިހާ ރައްޔިތުން ވެސް
އެކަމާ މެދު ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ. ފަނޑިޔާރުގެއަކީ ދައުލަތުގެ ތިން
ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރު ކަމަށްވާއިރު، އެ ބާރުގެ އެންމެ މަތީ ފަނޑިޔާރުން
ވަކިކުރުމުގައި އަދުލުވެރި އިޖުރާއަތްތަކެއް ހިފަހައްޓަންޖެހޭނެ ކަމަށް އޭނާގެ ވާހަކައިގައި
ބާރުއެޅުއްވި އެވެ.

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ، ރައްޔިތުންގެ ކުރިމަތީގައިވެސް އަދި މަޖިލީހުގައިވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑިއު ޕްރޮސެސް ރަނގަޅަކަށް ނޫން ގެންދެވިފައި އޮތީ، އެއީ ވަރަށް ދެރަކޮށް ދިޔަ ކަމެއް، އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ކަމެއް، އެބޭފުޅުންނާ ދޭތެރޭގައި އެގޮތަށް އަމަލު ކުރެވިގެން ދިއުމަކީ
އަޙުމަދު މުއިއްޒު

ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ
އަޙުމަދު މުއިއްޒަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް
ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މޭރުމުން ވާހަކަދައްކަވާފައިވަނީ ރާއްޖޭގެ ޝަރުޢީ
ދާއިރާއަށް އެކި ދުވަސްވަރު އަންނަމުންދާ ބަދަލުތަކާއި، ފަނޑިޔާރުން ވަކިކުރުމުގައި
އަމަލުކުރަމުންދާ ގޮތްތަކާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވޭ ވަގުތެއްގައެވެ.