ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް ޑރ.
މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފި އެވެ.  

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ކަޑައްތު ކުރަމުން ދަނީ ބޭސް
ލިބުމުގައި ދަތި ދުވަސްތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ވެރިކަމަށް
ވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ބޭހުގެ މާފިއާ އެއް ކަމަށެވެ. އަދި ބޭހުގެ
ދަތިކަން އައީ، ބޭހުގެ މާފިއާ ސަރުކާރުން ހުއްޓުވުމުގެ ސަބަބުން ބޭސް އެތެރެ ކުރާ
ފަރާތްތަކުން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރަމުން ދިޔަ ކަންތައްތަކެއްގެ
ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެމްއާރުޕީ ތަންފީޒުކުރީ،
މެކްސިމަމް ރީޓެއިލް ޕްރައިސްއެއް ކަނޑައެޅީ، އެނގިލައްވާތޯ އަޅުގަނޑުމެން
ރައްޔިތުންގެ ފައިސާއިން ސަބްސިޑީ ގޮތުގައި ނޫނީއާ މި އާސަންދައިގެ ތެރެއިން
މާފުކުރައްވާ އާސަންދައިގެ ތެރެއިން ބޭހުގެ ބައެއް ބާވަތްތަކަށް 2000 ޕަސަންޓަށް
ވުރެ ބޮޑު ޕްރޮފިޓްއެއް ބައެއް ބޭސްތަކުން އަމިއްލަ ފަރާތްތަކުން ނަގަމުން ދިޔައީ
ރައީސް މުއިއްޒު

ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސްޓޭޓް ފަރމާގެ
ނަމުގައި ކުންފުންޏެއް އުފައްދައި މިހާރު ދަނީ ފަހަރަކު މަރުހަލާއެއް ނިމި
ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ތެރޭގައި
ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެން ދަނެ ކަމަށް ވެސް ވިދާޅުވި
އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު،
މީގެ ކުރިން ވެސް ބޭހުގެ މައްސަލަ ހައްލު ކުރުމަށް އެކި ޑެޑްލައިންތައް ދެއްވާފައިވެ އެވެ. 

އެގޮތުން 2024 ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ
ރަސްމީ ޖަލްސާގައި ބޭހުގެ މާފިއާ ކޮންޓްރޯލްކޮށް ބޭހުގެ ދަތިކަމަށް ހައްލެއް
ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ފަހުން 24 ފެބްރުއަރީ 2025 ގައި
އަސާސީ ހުރިހާ ބޭހެއް އެ އަހަރުގެ މާޗް 15 އާއި ހަމައަށް ދާއިރު ގެންނަވާނެ ކަމަށް
ވިދާޅުވި ނަމަވެސް، ރައީސް ދެއްވި ޑެޑްލައިން ހަމަވިއިރު ވެސް ބޭހުގެ ދަތިކަމަށް
ހައްލެއް ހޯދައިދެއްވާފަ އެއް ނުވެ އެވެ.

މިހުރިހާ ޑެޑްލައިންތަކެއް ދެއްވުމަށްފަހު އަނެއްކާ ވެސް 2026 ވަނަ އަހަރު މެއި 24 ގައި "ނޭޝަން
ޗެޓް" ޕޮޑްކާސްޓްގައި ކުރިއަށް އޮތް 2 މަސް ތެރޭގައި ބޭސް ނުލިބުމުގެ
މައްސަލައަށް ހައްލެ ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.