މާލެ އަށް އުދަ އެރުމުގެ ސަބަބުން ބައެއް އުޅަނދު ފަހަރާއި، ވިޔަފާރި ކުރާ ތަންތަނަށް ވެސް ގެއްލުންތަކެއް ލިބިއްޖެ އެވެ. 

އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ، އާދީއްތަ ދުވަހު މާލެ އަށް ވަރަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ، ބައެއް އުޅަނދު ފަހަރަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

މިކަމުގެ ސަބަބުން އެމްއެންޑީއެފް އިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ބައެއް ކެފޭތަކަށް ފެން ވަނުމުގެ ސަބަބުން ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައި އެވެ.

މާލެ އަށް އާދީއްތަ ދުވަހު އުދަ އެރި ބައެއް މަންޒަރުތައް

އާދީއްތަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އެގޮތުން ކާނިވަލް ސަރަހައްދުގައި ހުރި ބައެއް ކެފޭތަކަށް ވެސް ވަނީ އުދައިގެ ސަބަބުން އަސަރުކޮށްފައި އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ސަރަހައްދުން ވެސް އުދަ އަރާފައި ވުމުގެ ސަބަބުން، ބޮޑުތަކުރުފާނު މަގުގައި ވެސް ގިނަ އަދަދެއްގެ ކުނި ވަނީ ޖަމާވެފައި އެވެ.