ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީން ގަބޫލުކުރިތާ އެތައް ސަތޭކަ އަހަރެއް ވެފައިވާއިރު، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ ފޭރާން ހަލާކުވާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވީއްސުރެ މިއަދާ ހަމައަށް ވެސް ރާއްޖެ އޮތީ އިސްލާމްދީނުގެ މަތީގައި ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ހުންނަވާ ބޭފުޅަކު، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް، ދިވެހީންގެ ތެރޭގައި ތިބި ސިޔާސީ ވާދަވެރިންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

އޭގެކަހަލަ ބަސްބަސް ބޭނުންކުރައްވައި ހެއްދެވީމަ، އަޅުގަނޑުމެންގެ ގައުމީ ފެބްރިކް، ފޭރާން އެދަނީ އިރައިގެން. އޭގެ ބާގަނޑުތައް ބޮޑެތިވީމާ މިކަހަލަ މައްސަލަތައް މި އުފެދެނީ
އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުގެ ނަތީޖާ މީގެ ކުރިން ވެސް ރާއްޖޭގައި ފެނިފައިވާ ކަމަށާއި، އެއީ އިންތިހާއަށް ގޯސް ނަތީޖާތަކެއް ނުކުމެފައިވާ ކަންކަން ކަމަށެވެ.

ރާއްޖޭގައި އޮންނަންޖެހޭނީ ކޮން ދީނެއްތޯ ކުރެވޭ ބަހުސަކީ އެއްވެސްއިރަކު ކުރަންޖެހޭނެ ބަހުސެއް ނޫން ކަމަށާއި، އެއީ ރާއްޖޭގައި ގާއިމުވެ ނިމިފައިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި އަގީދާ ގަބޫލުކޮށްގެން އެތައް ސަތޭކަ އަހަރަކު ތިބި ބައެއްކަން ފާހަގަކުރައްވައި، އެ ބަހުސަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅާއެކު ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމްދީން ކަމަށާއި، ދީނަށް އަބަދުވެސް ރައްޔިތުން ނަސްރު ދޭނެ ކަމަށެވެ.