އައްޑޫ
ސިޓީ ގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އިން ހިންގި މަޝްރޫއުތަކުގެ
ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި
މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން މަޖިލީހުން ފާސްކޮށްފި އެވެ.

އެ ނިންމުން
ފާސްކޮށްފައިވަނީ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގަ އެވެ.

މާލިއްޔަތު ކޮމިޓީން ތަހުގީގުތައް ހިންގުމަށް އެދެން ނިންމީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.  އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.

އޭރު މަޝްރޫއުތައް ހިންގިއިރު ހުންނެވި ބޯޑް އޮފް ޑިރެކްޓަރުނާއި ފައިސާއަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަށް ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންނަށާއި ފުލުހުންނަށް އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. 

އަންގާރަ ދުވަހުގެ ޖަލްސާގައި މާލީއްޔަތު ކޮމިޓީން ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން  53 މެންބަރުންގެ ވޯޓާއެކު ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. 

މިދިޔަ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް މަޖިލީހުން މަސައްކަތް ކުރަމުންދާއިރު، މި ހިނގަމުންދާ ސަރުކާރުގައި ފެނަކައާއި ސަރުކާރުގެ އެހެނިހެން ކުންފުނިތަކާ ގުޅޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާއިރު، ތަހުގީގީ އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތައްވެސް ކުރިއަކަށް ނުދެއެވެ. އަދި މަޖިލީހަށް ހުށަހެޅޭ މައްސަލަތައްވެސް ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ގެންދަނީ ބޭރު ކުރަމުންނެވެެ.