ރާއްޖޭގެ ދަރަނި މިހާރުގެ ސަރުކާރުގެ ދެ އަހަރު ތެރޭގައި
50 ބިލިއަނަށް އަރާފައިވާއިރު، ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ ގިނަ
މަޤާމުތަކެއް ނަގައި އެ މަޤާމުތަކަށް މުސާރަ ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
ޔައުޤޫބު ވިދާޅުވީ، މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މުސާރަ ދިނުމަށް ވެސް މިހާރު
އިތުރު ދަރަނިތަކެއް ނަގަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ކިތަންމެ ވަރަކަށް ފޮރުވަން
އުޅުނު ނަމަވެސް، މުވައްޒަފުންނަށް މުސާރަ ނުދެވިގެން ދާދި ފަހުން ޕެންޝަން ފަންޑު
ބޭނުންކޮށްގެން ފައިސާ ޗާޕުކޮށްފައިވާ ކަމަށެވެ.

އިހަކަށްދުވަހު އެންމެންނަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކިތަންމެ ވަރަކަށް އެކަން ފޮރުވަން އުޅުނަސް، ޕެންޝަން ފަންޑު ބޭނުންކޮށްގެން ހަމަ ދަރަނި ނަގައިގެން ފައިސާ ޗާޕުކޮށްގެން މި މަހުގެ މުސާރަ ދޭން ތައްޔާރުވަމުންދާކަން، މިއީ އެންމެންނަށް އެނގޭ ހަގީގަތެއް
ޔައުޤޫބު އަބްދުﷲ

ޔައުޤޫބު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އެކިއެކި
އާމްދަނީއާ ޓެކުހުގެ ސުންގަޑިތަކަށް ބަލާފައި ޖޫން އަދި ޖުލައި މަހަކީ އާންމުކޮށް ވެސް
ރަނގަޅު އާމްދަނީއެއް ދައުލަތަށް ވަންނާނެ މަހެއް ކަމަށެވެ. ވީއިރު މި ދެ މަހު މުސާރަ
ނުދެވޭ ހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިއަހަރު ނިމޭއިރު ހަމައެކަނި މި ސަރުކާރުގެ
ދަރަނިވެސް 70 ބިލިއަނަށް އަރާނެކަމަށް އަންދާޒާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅިގެން ކަންބޮޑުވުންތައް
ފާޅުކުރަމުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
އަދި ސަރުކާރުން ހިންގާ ހަރަދުތައް ކުޑަކުރުމަށް ގޮވާލަމުން އިދިކޮޅު ފަރާތްތަކުން
ވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު ކުޑަކުރުމަށް ވެސް ގޮވާލާފައެވެ.