މަޝްހޫރު މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވި ޝޯ ސަރުކާރުން މަނާކުރުމާ ގުޅިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، "ބިޔޯން އަގެއިން" އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑް "އެބާ" ގެ އެންމެ މަގުބޫލު ޓްރައިބިއުޓް ބޭންޑް ކަމަށެވެ. މިއުޒިކް ކުޅުމާއި އެފަދަ ޝޯތައް ބޭއްވުން ހުއްޓުވައިގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ޒުވާނުން އެދޭ ކަންކަމަށް ފުރުސަތު އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖެއަކީ ވަކި ބައެއްގެ ގައުމެއް ނޫން ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ވެސް ގައުމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެ އިވެންޓް އިންތިޒާމުކުރާ އޫބާ އިވެންޓްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝޯ ކެންސަލް ކުރަން ޖެހުނީ އިވެންޓް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް، ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ވެނިއު އެޕްރޫވަލް ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ބޭންޑްގެ މެންބަރުން ވަނީ ރޭގެ ވަގުތެއްގައި ރާއްޖެއަށް ވެސް އައިސްފަ އެވެ. ނަމަވެސް އޫބާ އިވެންޓްސްގެ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ މިނިސްޓްރީން އެދުނީ އެހެން ތަނަކަށް އިވެންޓް ބާއްވާ ސަރަހައްދު ބަދަލުކޮށްދޭން ކަމަށާއި، އެކަމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ވެސް އިވެންޓް އިންތިޒާމުކުރާ ފަރާތަށް ދީފައިވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީން ބުނީ އެކަން އެގޮތަށް ކުރަން އެދުނީ ސޯޝަލް ސެންޓަރުގެ، ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް، އިންޑޯރ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށެވެ.

މި ޝޯ ކެންސަލް ކުރުމާ ގުޅިގެން އޫބާ އިވެންޓްސްއިން ވަނީ ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފަ އެވެ. އެ ކުންފުނިން ބުނީ ޓިކެޓް ގަތް ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި ޝޯ ބޭއްވުން ސަރުކާރުން މަނާކޮށްފައިވާއިރު ޝޯއަށް ސްޕޮންސަރުން ހޯދައި ބޮޑެތި އިޝްތިހާރުތައް ކުރުމުގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ޓިކެޓް ވެސް ވަނީ ވިއްކައިފަ އެވެ.