ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް އަލަށް 20 މީހަކަށް މި ބަލި ޖެހިފައިވެ އެވެ.
ރާއްޖެއިން އަލުން ހިމަބިހި ފެނުމާ ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ހާއްސަ ވެކްސިން ކެމްޕެއިނެއް ފަށައިފަ އެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 9،900 އަށްވުރެ ގިނަ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެ އެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. މީގެއިތުރުން، ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވިކަން އެނގޭ ފަރާތްތަކުން، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުތަކުގައި ވެކްސިން ޖެހުމަށް ވެސް ވަނީ އެދިފަ އެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން އެކަހެރިވެގެން ތިބުމަށް ވެސް ވަނީ އަންގާފަ އެވެ. ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، ގަދައަށް ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންވާނެ އެވެ. ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި މުޅިން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެކި ފަހަރުމަތިން ރާއްޖެއިން މި ބަލީގެ ކޭސްތައް ފެނިފައިވާތީ، ކަމާ ގުޅުންހުރި އިދާރާތަކުން އޭރު ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.