ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން މަދުކުރުމަށް  ނިވައިފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ނިންމައިފި އެވެ. 

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އަހާފައިވެ އެވެ. އެގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ ގަރާރު ބަލައިނުގަތުމަށް ފެންނަ ކަމަށް ނިންމާފަ އެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 6 މެންބަރުންނެވެ. 

އެ ގަރާރުގައި މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއްކަމާއި ގާނޫނުގެ ރައްކާތެރިކަމާ ގާނޫނުުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްވެ ވެސް ހައްގެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ، އެ މީހަކު އިޚުތިޔާރުކުރާ ވަޒީފާ އެއް އަދާކުރުކުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާކަން ގަރާރުގައިވެ އެވެ. 

އޭގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހު ވެސް، އޭނާގެ މަސައްކަތުގެ އަޚުލާގާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަަމުންދާ މުވައްޒަފަކު އޭނާގެ ވަޒީފާ އިން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ. 

މި ގަރާރުގައި ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ފާއިތުވީ ނަމަވެސް އެކަމަށްޓަކައި އިޚުލާސްތެރިކަމާއި ހާމަކަމާއި ހަމަހަމަކަމުގެ އުސޫލުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާތީ ހުރި ކަންބޮޑުވުންތައް ވެސް މެންބަރު ހިއްސާ ކުރެއްވި އެވެ. 

އެއީ:

  • ވަޒީފާތަކުން ވަކިކުރަމުންދަނީ މި ސަރުކާރާ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ރައްޔިތުންނާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް އެކަނިކަމަށް ވުމަކީ އިއްތިފާގެއް ނޫންކަން

  • އެ މުވައްޒަފުން ވަކި ކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫންކަން
  • މި ކަންކަން ކުރަމުންގެންދަނީ އެއްވެސް ހަމައެއް އުސޫލެއް، ގާނޫނެއް އަދި ގަވާއިދެއް ބެލުމެއްނެތި އެ ކުންފުނިތަކުގެ އުސޫލުތަކާ ވެސް ޚިލާފަށްކަން
  • ގައުމުގެ އިގްތިސާދު ދަށްވެ، މާލީ ގޮތުން ރައްޔިތުންނަށް ދަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާތަކުން ވަކިކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު މާލީ ގޮތުން ސީދާ ގިނަ އަދަދެއްގެ މަދުފަންީގެ ގޭބިސީތަކަށް ކުރާނެ ކަމެއް ކަން

މެންބަރު ވިދާޅުވީ ސަރުކާރުން ފާޅުގައި މިކަން ކުރަމުންދާއިރު އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ދައްޗާއި ބުރަ އުފުލަމުންދަނީ ރައްޔިތުން ކަމަށް ވީ ނަމަވެސް ސަރުކާރުން ދަނީ މިކަން ދޮގު ކުރަމުން ކަމަށެވެ. 

އެގޮތުން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ދޮގު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީފާތަކުން ވަކިކުރަނީ ވައްކަން ކުރާ މީހުންނާއި ހަރުމުދުލަށް ގެއްލުންދޭ މީހުން ކަމަށް ވިދާޅުވެ، އެތައް ރައްޔިތުންގެ ބޮލުގައި ދައުލަތުގެ ވެރިޔާ ދޮގު އިލްޒާމް އެޅުވުމަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެތިކޮށްދިނުމަށް މާތް ﷲ ގަންދީ ކުރެއްވި ހުވަޔާ ޚިލާފު ކަމެއް ކަން ފާޅު އެނގޭ ކަމަށް ގަރާރުގައިވެ އެވެ. 

މައުރޫފް ވިދާޅުވީ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދު ކުރަން ނިންމި ނިންމުން ސަރުކާރުން ނާޖާއިޒު ގޮތުގައި ނޭނުންކުރަމުންދަނީ ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ފާހަގަވާ ކަމަށް ވެސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރުގައިވެ އެވެ.