އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން، އިރާގުގެ "ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް" (ޕީ.އެމް.ޔޫ) ނުވަތަ "ހަޝްދު އައްޝައުބީ" ގެ ބައެއް މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީއާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަކިވަކިން ނެރުނު ބަޔާންތަކެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ދެ ގައުމު ގުޅިގެން ދިން ހަމަލާތަކެއް ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިއްތިހާދެއް ކަމަށްވާ ޕީ.އެމް.ޔޫގެ މަރުކަޒުތަކަށާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ކަމަށްވެސް އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.

ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، ސެންޓްކޮމްއާ ގުޅިގެން ސައުދީން ހަމަލާދީފައިވަނީ ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ކަމަށެވެ. އަދި އެއީ ދާދިފަހުން ސައުދީގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް ދިން ހަމަލާތަކުގައި ބައިވެރިވި ތަންތަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ސެންޓްކޮމްއިން ހާމަކުރި ގޮތުގައި އެމެރިކާއާއި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ އިރާގުގެ އިރުމަތީ ސަރަހައްދުގައި ހުރި ލޮޖިސްޓިކް މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކަށް ހަމަލާދީފަ އެވެ.

އިރާގުގެ ރެސިސްޓަންސް ގްރޫޕްތަކާ ހަވާލާދީ ލިބިފައިވާ ފުރަތަމަ ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާތަކުގައި މަދުވެގެން 20 ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. އަދި އިތުރު 32 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓްތަކުގައިވެ އެވެ.

އިރާގުގެ މަސްދަރުތަކާއި، އަރަބި މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، އިރާގުގެ އެކި ސަރަހައްދުތަކަށް ވަނީ ވައިގެ ހަމަލާތައް އަމާޒުވެފަ އެވެ. ނަމަވެސް، މި ހަމަލާތަކުގެ ތަފްސީލާއި، ލިބުނު ގެއްލުންތަކުގެ އިތުރުން މަރުވި މީހުންގެ ސީދާ އަދަދު އަދި ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެ ރިޕޯޓްތަކުގައިވާ ގޮތުން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވަނީ ބަސްރާ ޕްރޮވިންސަށެވެ. އެގޮތުން ބަސްރާގެ އަލް-ދައިރު ސަރަހައްދުގައި ހުންނަ ހަޝްދު އައްޝައުބީގެ އޮޕަރޭޝަނަލް ހެޑްކުއާޓަރަށާއި އެ ޖަމާއަތުގެ ހަތިޔާރު ގުދަންތަކަށް ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ބައެއް އަރަބި ނިއުސް ނެޓްވޯކްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިގެ މަގުން ދިން ގިނަ ހަމަލާތަކެއްގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އިންޓަނެޓްގައި ދައުރުވަމުންދާ ސަވައިލަންސް ކެމެރާ ފުޓޭޖްތަކުން އެ ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއް ގޮވާ މަންޒަރު ފެނެ އެވެ. ބަސްރާގައި ހުންނަ ޕީ.އެމް.ޔޫގެ އޮޕަރޭޝަންސް ކޮމާންޑުން ބުނީ، އެ ގްރޫޕްގެ މަރުކަޒެއްގެ ކައިރިއަށް ވައިގެ ތިން ހަމަލާއެއް އަމާޒުވި ކަމަށާއި، ދެ މިސައިލް އެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން، ވަސިތު ޕްރޮވިންސްގެ އަލް-ސުވައިރާ ސަރަހައްދުގައި ހުންނަ އަލް-ފަތުހު އަލް-މުބީން މަރުކަޒު ހިމެނޭހެން، އެ ސަރަހައްދުގެ ބައެއް މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކަށްވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި ބާބިލް ޕްރޮވިންސްގެ ޖުރްފް އަލް-ނަސްރު ހިމެނޭ ސަރަހައްދުތަކުގައި ހުރި ހަޝްދު އައްޝައުބީގެ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާ ކަމަށް އެކި މަސްދަރުތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކަށަވަރުނުވާ ބައެއް ރިޕޯޓްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައިވާ ގޮތުން، ކިރްކޫކް، ކަރުބަލާ އަދި އިރާގުގެ އިރުމަތީގެ އެހެން ސަރަހައްދުތަކަށްވެސް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

ސައުދީން އަސްކަރީ ހަމަލާއެއް ދީފާނެތީ ރެސިސްޓަންސް ގްރޫޕްތަކުން ކުރިން އޮތީ އިންޒާރުދީފައި

މި ހަމަލާތައް ދީފައި މިވަނީ، ސައުދީގެ ބައެއް ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކަކީ އިރާގުން ފެށުނު ހަމަލާތަކެއް ކަމަށް ރިޔާޟުން ތުހުމަތު ކުރުމާ ގުޅިގެން، އިރާގުގެ ބިމަށް ހަމަލާ ނުދިނުމަށް މި ހަފުތާގެ ކުރީކޮޅު އިރާގުގެ ރެސިސްޓަންސް ގްރޫޕްތަކުން ސައުދީ އަރަބިއްޔާއަށް އިންޒާރުދީފައި ވަނިކޮށެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ރެސިސްޓަންސް ގްރޫޕްތަކުން ވަނީ ސައުދީގެ ތުހުމަތުތައް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

"މި އަސާސެއް ނެތް ތުހުމަތުތަކަކީ... ޔަމަނުގެ ރެސިސްޓަންސް ފޯސްތަކުން ސައުދީގެ މުހިންމު ވަސީލަތްތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގައި ސައުދީ ސަރުކާރު ފެއިލްވެފައިވާކަން ފޮރުވުމަށް ކުރާ މަސައްކަތެއް،" އެ ބަޔާނުގައިވެ އެވެ.

އިސްލާމިކް ރެސިސްޓަންސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސައުދީ ސަރުކާރުން ހިންގާ ކޮންމެ މޮޔަ އަމަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އެކަމުގެ ސަބަބުން އެ ގައުމުން ނުހަނު ހިތާމަކުރަން ޖެހޭނެ ކަމުގެ ސާފު އިންޒާރު ދޭ ކަމަށެވެ.

އަދި އިރާގުގެ ބޮލުގައި އިލްޒާމް އެޅުވުން ހުއްޓާލައި، ޔަމަނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވެސް އެ ބަޔާނުގައި ސައުދީ ސަރުކާރަށް ގޮވާލާފައިވެ އެވެ.