ދިވެހިރާއްޖޭގެ އިގްތިސާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާ ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިންގުން ހުއްޓި، މުދާ ބޭލުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ ޓްރާންސްޕޯޓު ޓޫރިޒަމް ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މައިގަނޑު މުދާ އެތެރެކުރާ މައި ދޮރާށި ކަމަށްވާ އެމްޕީއެލް މިހާރު އޮތީ "ޕެރެލައިޒް" ވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ފަންކްޝަން ނުކުރާ ކަމަށާއި، މުދާ ބޭލުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

މާލީ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ، މި މައްސަލަ ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތުން ކަމަށެވެ. އަދި މުދާ އުފުލާ ބާޖުތަކާއި ރީ-ސްޓިކާ އަދި ކެރޭނު ފަދަ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.

މައްސަލައަކީ ހަގީގަގައި ޕޯޓުގައި ޕޯޓް އޮޕަރޭޓްކުރާނެ އެއްވެސް މިންވަރަކަށް ފައިސާ ނެތި އަދި އިކުއިޕްމަންޓްސް ވެސް ނެތުން 
މުހައްމަދު ރާއީ

މި ސަރުކާރު އައިފަހުން އެމްޕީއެލް އަށް ލިބޭ ސާފު ފައިދާގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ރާއީ ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހިސާބުތަކުން މިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، މިއީ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން ތަކެތީގެ އަގުބޮޑުވުމުގެ އަސްލު ސަބަބު އަލިއަޅުއްވާލައްވައި ރާއީ ވަނީ ވާހަކަ ދައްކަވާފަ އެވެ. 

ރާއީ ވިދާޅުވީ، ގިނަ ރައްޔިތުން ވިޔަފާރިވެރިންނަށް އިނގިލި ދިމާކުރި ނަމަވެސް، އޭގެ އަސްލު ސަބަބަކީ އެމްޕީއެލް ފެއިލްވުން ކަމަށެވެ. ޕޯޓުން މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކާއި ދަތިތަކުގެ ސަބަބުން މުދަލުގެ އަގަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ، އެމްޕީއެލް ފަދަ އިގްތިސާދީ މުހިންމު ތަންތަން ހީނަރުވުމަކީ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށެވެ.