ރާއްޖޭގެ ބަނދަރުތަކަށް މުދާ ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލް ތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު ކަމަށް އެމްޑީޕީން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ ޓްރާންސްޕޯޓު ޓޫރިޒަމް ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އަލީ ރަޝީދު ވަނީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަށް އަލިއަޅުވާލައްވާފަ އެވެ.

އަލީ ރަޝީދު ވިދާޅުވީ މިހާރު ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލް ތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް އެ ސަރަހައްދަށް ނޭރޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

މީގެ ސަބަބުން ބޯޓުގައި ހުންނަ ކްރޭން ބޭނުންކޮށްގެން މުދާ ބާލަން މަޖުބޫރުވާ ކަމަށާއި ކްރޭން ނެތް ބޯޓުފަހަރަށް ރާއްޖެއަށް އައުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ތިލަފުށީގައި އެ މީހުން ހެދި ބާޖެއް ޖައްސާފައި، ބާޖުގެ ބޭރަށް ބާޖެއް ލާފައި އަނެއްކާ ކްރޭން ހުންނަ ބޯޓަކުން އަނެއްކާ ވެސް މި ޖެހެނީ ބާލަން. ރާއްޖޭގައި މި އުނދަގޫ ސިޓުއޭޝަންގައި އެންމެ ބޮޑު ހައްލެއް ހޯދޭނެ ގޮތަކީ، ބާޖަށް ކޮންޓެއިނަރުތައް ބޯޓަށް ކްރޭނުން ބޭލުމަށްފަހު ބަނދަރުތަކަށް ގެންގޮސްގެން
އަލީ ރަޝީދު

މީގެ އިތުރުން، ހުރިހާ މުދަލެއް މާލޭ ކޮމާޝަލް ބަނދަރަށް ނުވަތަ ހުޅުމާލެއަށް ގެންނަން ޖެހުމަކީ ވެސް ބޮޑު ތަކުލީފެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ބާޖުތައް ހުޅުމާލެއަށް ކައިރިކުރުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަންކަމަށް އޮތް ހައްލަކީ އޮޕަރޭޝަނަލް ކަންކަމަށް ފޯކަސްކޮށް، މުދާ އަވަހަށް ކްލިއަރ ކުރެވޭނެ ސްޓްރެޓެޖީތަކެއް ގެންގުޅުން ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.

ބަނދަރު ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ގުޅީފަޅުގައި ބަނދަރު ހަދަން ނިންމާފައި އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން އެ މަޝްރޫއު ތިލަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބަނދަރު ތޮއްޖެހިފައިވާ ކަމަށް ބުނެ، އައު ބަނދަރެއް ހެދުމަށް ސަރުކާރަށް މަޖުބޫރުކުރުވުމުގެ މާހައުލެއް އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަލީ ރަޝީދު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ މުދާ އުފުލުމުގެ ދަތިކަމުން އަރައިގަތުމަށްޓަކައި ސަރުކާރާއި، ވިޔަފާރިވެރިން އަދި އާންމުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޮޕަރޭޝަނަލް ސްޕީޑް އަވަސްކޮށްގެން މި މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.