ސަރުކާރު ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ޕީއެންސީން ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ކަމަށާއި، އެ މަސައްކަތް ކާމިޔާބުވުމުން، ވަޒީފާގެ ޔަގީންކަން ދީފައިވާ ރައްޔިތުން މިއަދު ބިކަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ނާޒިލް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން އުނިކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާއާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

މެންބަރު ނާޒިލް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ޕީއެންސީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުވުމުން، ވަޒީފާގެ ޔަގީންކަން ދީފައިވާ ރައްޔިތުން މިއަދު ބިކަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭރު ވަޒީފާގައި އެހެން ތަނެއްގައި ހުރި މީހާ އާއިލާ ކައިރިއަށް ރަށަށް ދާން އެ ޔަގީންކަން ދިނުމާ އެކީގައި، ލިބުމާ އެކީގައި އެގޮތަށް މަސައްކަތްކޮށް ދިނީމާ އޭގެ ބަދަލުގެ ގޮތުގައި ވަޒީފާ ލިބި، ރަށަށް ދިޔުމުގެ ފުރުސަތު ލިބި، މިއަދު އެ ވަޒީފާ ކަނޑާލުމުން ދެން ޖެހެނީ އަނެއްކާވެސް އާއިލާ ދޫކޮށް އެހެން ދިމާލަކަށް ދާން
އިބްރާހީމް ނާޒިލް

އިގްތިސާދީ ހީނަރުކަމުގެ ތެރެއިން އާއިލާތަކަށް ނިކަމެތިކަން މިސަރުކާރުން ދީފައިވާކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ، މިހާރު ޓޫރިޒަމާއި މަސްވެރިކަން ވެސް ހީނަރުވެފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަކީ 10،000 އާއި 15،000 އާ ދެމެދުގެ އާއިލާތަކަށް ބޮޑު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. ރިސޯޓުތަކުން ވެސް އައު ވަޒީފާ ލިބުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދާ ހިލާފު ކަމެއް ކަމަށާއި، ރައީސް މުއިއްޒަށް ވޯޓު ދީގެން ވެރިކަމަށް ގެނައީ މިހާލަތު ރައްޔިތުންނަށް ޖައްސާނެ ކަމަށް އުންމީދު ކޮށްގެން ނޫން ކަމަށެވެ.