ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ ކަމަށާއި، ރައްޔިތުން ފާލުން ނެއްޓި މަގުމައްޗަށް ނުކުންނާނެ ދަނޑިވަޅާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމީ މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ އެމްބެސެޑަރުންނާ ބައްދަލުވުމުން ވެސް، އެމްޑީޕީން ވެރިކަމާ ހަވާލުވުމުން ކަންކަން ކުރާނެ ގޮތާ ބެހޭގޮތުން ސުވާލު ކުރަމުންދާ ކަމަށެވެ.

މިހާރުގެ ސަރުކާރަށް 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފައްދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެއީ ޝައްކު ހިނގާ ކަމެއް ކަމަށާއި، ރައްޔިތުން ފާލުން ނެއްޓި މަގުމައްޗަށް ނުކުންނާނެ ދަނޑިވަޅެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ވަގުތާ ދިމާލަށް މި ރާއްޖެ މިސްރާބު ހިފާފައިވާ ކަމަށެވެ.  

އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ތެލާއި ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބި، ދިރިއުޅުމުގެ ދެކޮޅު ނުޖެއްސޭ ހިސާބަށް ދިއުމުން ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގަމުންދާ ކަމަށް ބުނާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ މި ސަރުކާރަށް ހިނގަމުންދާ މަޝްރޫއުތައް ނޭނގޭ ކަމަށާއި، އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ އިސް ވެރިން ޕޯޑިއަމްތަކަށް އަރައި 500 ނުވަތަ 600 މަޝްރޫއުތައް ކުރިއަށްދާކަން ހާމަކުރުމުން އެކަމާ ގުޅޭގޮތުން ރައްޔިތުން ސުވާލު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ދަށް ކަމަށާއި، ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އޮތީ ޑީފޯލްޓްވާ ހިސާބުގައި ކަމަށެވެ. 

އަޅުގަނޑުމެންނެއް ނޭދެން ދިވެހި ދައުލަތް ޑިފޯލްޓްވާކަން. ދިވެހި ދައުލަތް ޑިފޯލްޓްވާއިރުގައި އަޅުގަނޑުމެން އެންމެން ވެސް ޑިފޯލްޓްވާނީ
މުހައްމަދު ނަޝީދު

އެމްއެމްއޭގެ ޔޫސަބަލް ރިޒާވްގައި ޑޮލަރެއް ނެތްކަން  ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި ވެސް ޑޮލަރު ނެތް ކަމަށެވެ. 

އިގްތިސާދީ މައުލޫމާތުތައް ހާމަކުރުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، އާންމުކޮށް ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ މައުލޫމާތުތައް މިހާރު ސަރުކާރުން ހާމަނުކުރަނީ ރިޒާވްގައި ފައިސާ ނެތުމުން ކަމަށެވެ. އަދި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ އޮތީ ރައްޔިތުންނާ އެކުގައި ކަމަށާއި، އެ ޕާޓީން ފަހަތަށް ނުޖެހި މަސައްކަތް ކުރާނެ ކަމަށެވެ.