ހަށިވިއްކުމުގެ މައްސަލައެއް ސާބިތުވެ، ފުވައްމުލަކު
ސިޓީއަށް ނިސްބަތްވާ އަންހެނަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، ނާސިގެ ހެދުމުގެ ދައުވާ ސާބިތުވި ފިރިހެނަކު ޖަލަށް ލުމަށް ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް
ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ފުވައްމުލަކަށް ނިސްބަތްވާ ފިރިހެނަކާއި
ދެ އަންހެނުންނެވެ.
އެ މީހުންގެ
މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހަށިވިއްކުމުގެ ދައުވާއާއި، ބްލެކްމެއިލް
ކުރުމުގެ ދައުވާއާއި، ނާސިގެއެއް ހެދުމުގެ ދައުވާގެ އިތުރުން، އޮރިޔާން ކާޑު ހެދުމުގައި
އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން
ކާޑު ހެދުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.
ޝަރީއަތުގެ މަރުހަލާގައި މި ތިން މީހުންވެސް ވަނީ
އެމީހުންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މި މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމާފައިވަނީ،
ތިން މީހުންގެ މައްޗަށް އުފުލި ބްލެކްމެއިލް ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑާ ގުޅޭ
ދައުވާ ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާގެ
މައްޗަށް އުފުލާފައިވާ ނާސިގެ ހެދުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން
ވަނީ ކަނޑައަޅާފަ އެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ފަސް އަހަރު ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން،
ހަށިވިއްކުމުގެ ދައުވާ އުފުލި އަންހެން މީހާގެ މައްޗަށް އެ ކުށް ސާބިތުވާތީ، އޭނާ ހަތް
އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި،
މައްސަލައިގެ ބާވަތުން މުޖުތަމައުގެ އާންމު އަހުލާޤީ މިންގަނޑަށް ރިއާޔަތްކޮށް، ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުން މި މައްސަލަތަކުގެ ޝަރީއަތް ނިމުނު ގޮތުގެ މުޅި ރިޕޯޓު އާންމުކޮށްފައެއް
ނުވެ އެވެ.