ފުލުހުންނަށް
ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިފެހެއްޓި ފައިސާއިން 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި
ފުލުހަކު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.
ރާއްޖެއެމްވީން
ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއީ ދިވެހި ފުލުހުންގެ
ޚިދުމަތުން 2019 ވަނަ އަހަރު ތަހުގީގުކުރި މައްސަލައެއްގައި ހިމެނޭ އެމެރިކާ ޑޮލަރުތަކެއް ކަމަށެވެ.
އެ ޑޮލަރުތައް ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުއްޓައި، އެކަމާ ހަވާލުވެ ހުރި މުވައްޒަފެއްގެ
އިހުމާލުން އެފައިސާ ހަލާކުވި މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށްފައިވާ
ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ
ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ލަފާދީ،
އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑްކުރުމަށް 2026 ޖުލައި 7 ވަނަ
ދުވަހު ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފަ އެވެ.
އެ ފައިސާގައި ފަރަގެއް އުޅޭކަން އެނގުނީ ކްރިމިނަލް ކޯޓުން އެ ފައިސާ ހަވާލުކުރަން އެންގުމުން ބެލި ބެލުމުންނެވެ.