މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރް ޓްރޭޑިންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.   

އޭސީސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސްއޯއެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލު 325،000 ޑޮލަރު  އެމްއެޗްއާރް އަދި އެ ކުންފުނީގެ ދަށުން ހިންގަމުންގެންދާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ އޭސީސީގެ ތަހުގީގަށް ހޯދިފައި އެވެ. 

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީ އަށް ދެއްކި 50,000 ޑޮލަރު އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް ކަމަށާއި އެ ޗެކު އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުނެ އެވެ. 

އެމްއެޗްއާރްގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޢަބްދުﷲ ޒިޔާތުއާއި އެމްއެޗްއާރް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ދެމެދު މުޢާމަލާތް ކޮށްފައިވާކަމާއި އެ މުޢާމަލާތްތަކުން އެމްއެޗްއާރް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމްއެޗްއާރް ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން އެސީސީގެ ތަހުގީގަށް ހޯދިފައިވެ އެވެ. 

އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލުމުގެ އިތުރުން އެސްއޯއެފްގެ ޗެކުތަކުން ޖަމާކުރި ޑޮލަރަށްވާ 5,011,500 ރުފިޔާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ފުށިދިއްގާގެ އެކުއިޒިޝަން ފީގެ ގޮތުގައި ދެއްކި 50،000 ޑޮލަރާއި އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް ވެސް އެމްއެމްޕީއާރުސީއަށް އެންގުމަށް ވަނީ ނިންމާފަ އެވެ.