ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ) އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) އެވެ.
2026 ޖުލައި 28 ވަނަ ދުވަހުގެރޭ ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ތަނެއް ބަލައިފާސްކުރިއިރު 133 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.