މ. ނާލާފުށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކައުންސިލަށް ލިބުނީ ބަނދަރު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ވިދާޅުވެއްޖެ އެވެ. 

މިހާރު ނާލާފުށިގައި އޮތް ބަނދަރު ބޭނުން ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީ އަށް ޒުހައިދު ވިދާޅުވީ ސަރުކާރުން ފޮނުވި ކުރެހުމުގައި ބޭރު ތޮއްޓަށް އެރޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އަތޮޅުގެ ނިސްބަތުން އެންމެ ގިނަ ކުދި އުޅަނދު ގެންގުޅޭ ރަށަކީ ނާލާފުށިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުންވަނީ ބޭރު ތޮށީގައި އުޅަނދުތައް އެޅޭނެ ގޮތަށް ބަނދަރު ތަރައްޤީ ކުރަން ކަމަށެވެ. 

އަޅުގަނޑުމެން ރަށަކީ އަތޮޅުގެ ނިސްބަތުން ބަލަންޏާ އެންމެ ގިނަ ކުދި އުޅަނދު ގެންގުޅޭ އެއް ރަށް، ގާތްގަނޑަކަށް ބުނަންޏާ 50އަށް ވުރެ ގިނަ ކުދި އުޅަނދު މިރަށުގައި އެބަ އޮތް، އޮތް އިރު އެއްޗެހި އެޅޭނެ ތަނެއް ނެތް، އެ އެޅުމަށްޓަަކައި ބޭރު ތޮށި ބޭނުންކުރަން އަޅުގަނޑުމެން ބޭނުންވޭ އެހެންނަމަވެސް އެގޮތަށް ހިލަތަކެއް އަޅާލީމައި އެ ބޭރު ތޮށި އަޅުގަނޑުމެންނަށް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިގެން ނުދާކަން ފާހަގަކޮށް އޭރު އެ ކައުންސިލުން ވެސް އަޅުގަނޑުމެން ވާނީ ލެޓަރއެއް ފޮނުވާފައި، ބަނދަރު ބޭރު ތޮށި ޖަހާއިރު އެގޮތަށް ޖަހާދިނުމަށް އެދި، އެކަމަކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިސަރުކާރުން ވެސް އެވަރުގެ ބޮޑު ބުރައަކަށް ވާތީ އެކަން ކުރަން ބޭނުން ނުވަނީ، މިބުނާހެން ތަންކޮޅެއް ކޯސްޓް ހައި ވަނީ އެހެންވީމަ މިވަރުގެ ޕޮޕިއުލޭޝަންއަކަށް އެވަރުގެ ސްޕެންޑްއެއް ކުރަން ބޭނުން ނުވަނީ ކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރަނީ 
އިބްރާހީމް ޒުހައިދު

ޒުހައިދު ވިދާޅުވީ އެންމެ ފަހުގެ އަޕްޑޭޓްއަކަށް މައުލޫމާތު ލިބުނީ ދާއިރާގެ މެންބަރާއެކު ބޭއްވުނު ނާލާފުށި ޕީއެންސީ ސްޓިއަރިންގ ކޮމިޓީ މީޓިންއެއްގައި، ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދާނީ ބޭރު ތޮށީގައި ކުދި އުޅަނދު އެޅޭ ގޮތަށް ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް މިފަދަ މައުލޫމާތެއް ކައުންސިލާއި ހިއްސާ ކޮށްފައި ނުވާތީ ޒުހައިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މީގެއިތުރުން ބަނދަރު މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ތަނަކީ ފުން ތަނަކަށް ވުމުގެ ސަބަބުން ދަތިތަކެއް ހުރި ކަމަށް ކުރީ ސަރުކާރުން ބުނެފައިވާތީ، ރައްޔިތުންގެ މަޝްވަރާއާއެކީ އިރުމަތި ފަރާތައް ބަދަލުކުރުމަށް ރައްޔިތުންގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށް ޒުހެއިދު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ދައުރުގެ ކައުންސިލުން އެ ނިންމުން ބޮލަލާ ޖަހައި، ބަނދަރު ހަދަން ނިންމީ ކުރިން ވެސް ހަދަން ނިންމާފއިވާ ތަނުގައި ކަމަށް ޒުހެއިދު ވިދާޅުވި އެވެ.