މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި މާލެ،
ބްރިޖް އަދި ހައިވޭގައި 1،355
އެކްސިޑެންޓް ހިނގާ، ދެމީހެއްގެ ފުރާނަ ގެއްލި، 1،482 އުޅަނދަށް ގެއްލުންވެއްޖެ އެވެ.
2026 ޖަނަވަރީ 1 އިން ޖޫން 30 އަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓް ހިނގާފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް، ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައި ކަން ފާހަގަ ކުރެވެ އެވެ. އަދި ހަމައެހެންމެ، އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.
އެކްސިޑެންޓްތަކުގެ މަހުން މަހަށް އައިސްފައިވާ ބަދަލުތައް
މި
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިނގި 1،355 އެކްސިޑެންޓަށް ބަލާއިރު،
މަހެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 226 އެކްސިޑެންޓް ހިނގާފައިވެ އެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ، މިއީ ގާތްގަނޑަކަށް 7 އާއި 8 އާ ދެމެދުގެ އަދަދެއްގެ އެކްސިޑެންޓެވެ.
މި
މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ
މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، އެންމެ
މަދުން އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ
މަހު ހިނގާފައިވަނީ 191 އެކްސިޑެންޓެވެ. މިއީ އެންމެ ގިނައިން
އެކްސިޑެންޓް ހިނގި މަހާއި އެންމެ މަދުން އެކްސިޑެންޓް ހިނގި މަހާ ދެމެދު
62 އެކްސިޑެންޓުގެ ތަފާތެކެވެ.
މަހުން
މަހަށް އެކްސިޑެންޓްތަކުގެ އަދަދު ބަދަލުވަމުން ގޮސްފައިވާ ގޮތަށް
ބަލާއިރު، ފެބްރުއަރީ މަހަށްފަހު މާރިޗު މަހު އެކްސިޑެންޓްތަކުގެ އަދަދު
ވަނީ 45 އެކްސިޑެންޓް އިތުރުވެ، 236 އަށް އަރާފަ އެވެ. މިއީ 23.56
އިންސައްތައިގެ ގެ އިތުރުވުމެކެވެ. އޭގެ ފަހުން އައި ދެ މަހު
ރެކޯޑުކުރެވިފައިވާ އަދަދުތައް ހުރީ ދާދި އެއްވަރެއްގަ އެވެ. އެގޮތުން
އެޕްރީލް މަހު 232 އެކްސިޑެންޓް ރެކޯޑުކުރެވުނުއިރު، މޭ މަހު
ރެކޯޑުކުރެވިފައިވަނީ 238 އެކްސިޑެންޓެވެ.
ޖޫން
މަހު 205 އެކްސިޑެންޓް ރެކޯޑުކުރެވިފައިވާއިރު، މިއީ މޭ މަހާ އަޅާބަލާއިރު
33 އެކްސިޑެންޓް މަދު އަދެކެވެ. އަދި ޖަނަވަރީ މަހާ އަޅާބަލާއިރު 48 އެކްސިޑެންޓް
މަދު އަދަދެކެވެ. މުޅި ހަ މަސްދުވަހުގެ މުއްދަތަށް ބަލާއިރު، ޖަނަވަރީ
މަހުގެ އަދަދުތަކާ އަޅާބަލާއިރު ޖޫން މަހުގެ އަދަދުތަކުން 18.97 އިންސައްތައިގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފަ އެވެ.
ސަރަހައްދުތަކާއި ވަގުތު
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓްތަކުގެ
ނިސްބަތް ސަރަހައްދުތަކަށް ބަހާލާއިރު، ރެކޯޑުކުރެވިފައިވާ 83.25
އިންސައްތަ (1،128 އެކްސިޑެންޓް) ހިނގާފައިވަނީ މާލޭގަ އެވެ. އަދި ބްރިޖާއި
ހައިވޭ ސަރަޙައްދުގައި ރެކޯޑުކުރެވިފައިވަނީ 16.75 އިންސައްތަ (227
އެކްސިޑެންޓް) އެވެ. ރެކޯޑުތަކުން ފެންނަ ގޮތުގައި ހިނގި ކޮންމެ 5 އެކްސިޑެންޓަކުން 4 އަށްވުރެ ގިނަ
އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގަ އެވެ.
ވަގުތަށް ބަލާއިރު، ރެކޯޑުކުރެވުނު 66.5 އިންސައްތަ (901 އެކްސިޑެންޓް) ހިނގާފައިވަނީ ދުވާލުގެ ވަގުތުގަ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ރެކޯޑުކުރެވިފައިވަނީ 33.5 އިންސައްތަ (454 އެކްސިޑެންޓް) އެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި ރެކޯޑުކުރެވުނު އަދަދު ރޭގަނޑަށްވުރެ 447 އެކްސިޑެންޓް އިތުރުވާއިރު، މިއީ ރޭގަނޑުގެ ވަގުތުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދެއް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އިންސައްތަ މަތި ނަމަވެސް، މިއީ ވަކި ވަގުތަކީ ނުރައްކާ ބޮޑު ވަގުތެއްކަން މިންކުރެވޭނެ ތަފާސް ހިސާބެއް ނޫނެވެ.
އަނިޔާ ލިބުނު މިންވަރާއި، އުޅަނދުތަކަށް ލިބުނު ގެއްލުން އަދި ބަދަލުގެ ގޮތުގައި ނަގައިދެވިފައިވާ ފައިސާ
މި
މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގެ 1،322 މައްސަލައެއް ކުދި އަނިޔާގެ ގޮތުގައި ވަނީ ގިންތިކުރެވިފަ އެވެ. އަދި 31
މައްސަލައެއްގައި ލިބުނު އަނިޔާ ސީރިއަސް އަނިޔާގެ ގޮތުގައި
ގިންތިކުރެވިފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެކްސިޑެންޓް ތަކުގައި 2
މީހެއްގެ ފުރާނަ ގެއްލިފައިވެ އެވެ.
އެކްސިޑެންޓްތަކުގައި، ޖުމްލަ 1،482
އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ރެކޯޑުކުރެވިފައިވެ އެވެ.
އުޅަނދުތަކަށް
ލިބުނު ގެއްލުމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި
ނަގައިދެވިފައިވާ ފައިސާގެ ޖުމްލައަކީ 3،284،622 ދިވެހި ރުފިޔާ އެވެ. މިއީ
މަހެއްގެ މައްޗަށް އެވްރެޖްކޮށް 547،437 ރުފިޔާ އެވެ. އަދި ރެކޯޑުކުރެވުނު
ކޮންމެ އެކްސިޑެންޓް މައްސަލައަކަށް 2،424 ރުފިޔާ، އަދި ގެއްލުން ލިބުނު
ކޮންމެ އުޅަނދަކަށް ނިސްބަތުން 2،216 ރުފިޔާ އެވެ.
ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ އަދިވެސް މުޖުތަމައުގައި އޮތް ކަންބޮޑުވުމެއް ކަމުގަ އެވެ. އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ މުހިންމު ކަމެއްކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެ އެވެ.