ޖުލައި މަހު 9 ވަނަ ދުވަހު ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަޑުނުކޮށް ފިލި ދޯނި އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ ރަސްމީ ފާލަމާއި ދިމާ ބޭރު ކަނޑުމަތީގައި ހިނގި އެކްސިޑެންޓްގައި "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލޭ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ޖުލައި 9 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:16 އެހާކަންހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި 5 މީހުންނަށް އަނިޔާވެފައިވެ އެވެ. އެއީ 4 ބިދޭސީންނާއި ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި އެކްސިޑެންޓަށް ފަހު ފިލި އުޅަނދު ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި، އެ މައުލޫމާތެއް ހިއްސާކުރުމަށް ވެސް އެދިފައިވެ އެވެ.