ރާއްޖެޓީވީގެ
ހާލު ކިހިނެއް ޕްރޮގްރާމަށް މައުލޫމާތު ދިން ކުޅުދުއްފުށީ ސިޓީގެ އާންމު ރައްޔިތުން
ވަނީ މިހާރު ކުރިމަތިވެފައިވާ ދިރިއުޅުމުގެ ބޮޑެތި ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް
ފާޅުކޮށްފަ އެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި، ބޭސް ނުލިބުމާއި ކަރަންޓު ބިލު އުފުލުން އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކުރެވެ އެވެ.

11،000
އަށްވުރެ ގިނަ މީހުން އާބާދީގައި ރަޖިސްޓްރީކޮށްފައިވާ އަދި 13،000 އަށްވުރެ ގިނަ
މީހުން ދިރިއުޅޭ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް
މައުލޫމާތު ދެމުން ބުނީ މިހާރުގެ ހާލަތު ވަރަށް ދަށްކަމަށެވެ.

ރާއްޖެޓީވީއާ
ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުނީ ހާލުގެ ވާހަކަ ދެއްކެން ވެސް ނެތް ވަރަށް
ހާލަތު ގޯސްކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މަސްކިލޯއެއް ކުރިން ވިއްސަކަށް ރުފިޔާއަށް
ހުރި ނަމަވެސް މިހާރު އެ އަގު ވަނީ ތިރީސް ރުފިޔާއިން މައްޗަށް ގޮސްފައެވެ. އޭނާ ބުނީ
ހަގީގަތުގައި ރަށުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ.

 ކޮން ހާލެއްގެ ވާހަކައެއް ދެކެވެން އޮތީ، މަސްކިލޯއެއް ކުރިން 20 ރުފިޔާއަށް ހުރީ، މިހާރު އެ އަގު ވަނީ 30 ރުފިޔާއިން މައްޗަށް ގޮސްފައި، ހަގީގަތުގައި ރަށުގެ ހާލަތު ވަރަށް ދަށް
ރާއްޖެޓީވީއާ ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު 

ރާއްޖެޓީވީއާ
ވާހަކަ ދެއްކި އަންހެނަކު ބުނީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ތަކެތީގެ އަގުބޮޑުވުމާއި
ބޭސް ނުލިބުންކަމަށެވެ.

ފިހާރަތަކަށް ގޮސް އެއްޗެހި ގަންނަ މީހުންނަށް އެނގޭނީ ތަކެތީގެ އަގު ބޮޑު މިންވަރު، މުއިއްޒު ބުނަމުން ދިޔަދޯ ނާރާނޭ ނާރާނޭ، ހުރިހާ ކަމެއް ބުނާ ބަހާ އިދިކޮޅަށް ހިނގަނީ
ރާއްޖެޓީވީއާ ވާހަކަ ދެއްކި އަންހެނަކު 

އޭނާ ބުނި
ގޮތުގައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ވެރިކަން ކުރާކަށް އެނގިވަޑައެއް ނުގަންނަވާކަމަށާއި،
އަދި ވެރިކަމުން ފައިބާކަށް ވެސް އެނގިވަޑައެއް ނުގަންނަވާ ކަމަށެވެ. ރައީސް މުއިއްޒު
ވެރިކަމުން ފައިބާނަމަ ރައްޔިތުންގެ ބޮލަށް ތަންކޮޅެއް ފަސޭހަވާނެކަމަށް އޭނާ ބުންޏެވެ.

ރާއްޖެޓީވީއާ
ވާހަކަ ދެއްކި އެހެން މީހުންވެސް ވަނީ ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަދި ކަރަންޓު ބިލު ބޮޑުވާކަމުގެ ކަންބޮޑުވުންވެސް ހިއްސާކުރި އެވެ.

ރާއްޖެޓީވީއާ
ވާހަކަދެއްކި މެދުއުމުރުގެ މީހަކު ބުނީ އޭނާ ކޯޓަށް ހުށަހެޅި މައްސަލައެއް ލަސްވެގެން
ދިއުމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ޝަރުއީ ދާއިރާގެ މަސައްކަތްތައް
މިހާރަށްވުރެ ހަލުއިވާން ޖެހޭކަމަށް އޭނާ ބުންޏެވެ.

މީގެ
އިތުރުން، ބޭސް ނުލިބުމުގެ ކަންބޮޑުވުން ވަރަށް ބޮޑުކަމަށް އެހެން މީހަކު ކިޔާދިނެވެ.
އެގޮތުން މުހިއްމު ގިނަ ބޭސްތަކެއް ނުލިބޭތީ ބައެއް ފަހަރު މާލެއިން ބޭސް ގެންނަންޖެހޭކަމަށް
އޭނާ ބުންޏެވެ. ނަމަވެސް ކުޅުދުއްފުއްޓަކީވެސް ސިޓީއެއްގެ ދަރަޖައިގައި އޮތް ތަނެއްކަމަށް
އޭނާ ފާހަގަކުރި އެވެ.

 ބޭސް ނުލިބުމުގެ ކަންބޮޑުވުން ވަރަށް ބޮޑު، އެގޮތުން މުހިއްމު ގިނަ ބޭސްތަކެއް ނުލިބޭތީ ބައެއް ފަހަރު މާލެއިން ބޭސް ގެންނަންޖެހޭ، ނަމަވެސް ކުޅުދުއްފުއްޓަކީވެސް ސިޓީއެއްގެ ދަރަޖައިގައި އޮތް ތަނެއް
ރާއްޖެޓީވީއާ ވާހަކަދެއްކި މެދުއުމުރުގެ މީހަކު 

ބައެއް މީހުން
ބުނި ގޮތުގައި މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުރީ ހުއްޓިފައެވެ.
އަދި މި ސަރުކާރު އައިފަހުން އާންމު ދިރިއުޅުމަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ
ކަމަށާއި އަދި ރައްޔިތުންގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށްކަމަށް ބައެއް މީހުން
ބުންޏެވެ.