ސަރުކާރުން ހަރަދު ކުޑަ ކުރަމުންދާ ކަމަށް ބުނަމުންދާއިރު، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް) ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ. 

މި ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 30 މެއި 2025 ގައި ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން އުފައްދަވާފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އާދިއްތަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ، ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ، 30 ޖުލައި 2026 ގައި އައްޔަނުކޮށްފައިވާ ކަމަށެވެ. 

ނަޒްލީނާ އަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. އަދި ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވެ އެވެ. 

މީގެ އިތުރުން، ނަޒްލީނާ ވަނީ ސެޕް އެފްއައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފަ އެވެ.

އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގަ އާއި، އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފަ އެވެ.

ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފަ އެވެ.