އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޝަޒުހަތު ބޯޑަށް އައްޔަންކުރީ އެކައުންޓިންގ އެންޑް ފިނޭންސް މެންބަރުކަމުގެ މަގާމަށެވެ.

ޝަޒުހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ، ފިނޭންސް ދާއިރާގެ ތަޖުރިބާކާރު ފަރާތެކެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ހަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުންފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ސަރުކާރުގެ އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވަ އެވެ.

ތައުލީމީ ގޮތުން ބަލާއިރު، ޝަޒުހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފަ އެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ހާސިލުކުރައްވައިފަ އެވެ.