ކޮންމެ ރަށަކަށް ވަޑައިގެން ވެސް 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ ހައުސިންގ މިނިސްޓްރީ އިން ބުނެގެންތޯ ސާފު ކުރުމަށް ކުރި ސުވާލަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ޖަވާބެއް ނުދެއްވާ ބަހަނާތަކެއް ދައްކަވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ސުވާލުތަކަކާއި ގުޅިގެން މިނިސްޓަރު މުއްތަލިބު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.

މެންބަރު މައުރޫފްގެ ފަރާތުން މިނިސްޓަރާ ކުރުމަށް ހުށަހަޅާފައިވާ ދެ ސުވާލު އެޖެންޑާގައި ހިމަނާފައިވާއިރު އެ ސުވާލުތަކުގައި ވަނީ ބ. ކިހާދޫ އަދި ބ. ކުޑަރިކިލު ފެނާއި ނަރުދަމާ މަސައްކަތް 6 މަސް ދުވަހުން ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ މައުލޫމާތު ހޯދުމަށެވެ. 

އެ ދެ ރަށަށް ވަޑައިގެން ވެސް 6 މަސް ދުވަހުން މަސައްކަތް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވާ މެންބަރު މައުރޫފް ވަނީ ކޮންމެ ރަށަކަށް ވަޑައިގެން 6 މަސް ދުވަހުން މަސައްކަތްތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ ހައުސިންގ މިނިސްޓްރީ އިން ބުނެގެންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. ނުވަތަ އެ މުއްދަތު ރައީސް ވިދާޅުވަނީ ކޮންގޮތަކުން ބެއްލެވުމަށްފަހުގައި ތޯ ވެސް ސުވާލު ކުރެއްވި އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓަރު ވަނީ ރައީސް މުއްދަތެއް ދެއްވަނީ ހަގީގަތުގައި ވެސް ރައްޔިތުންނަށް އެ ކަންކަން ކޮށްދެއްވަން ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެފަ އެވެ. އެއަށްފަހު ދެން މިނިސްޓަރު ދެއްކެވީ ކުރީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ވާހަކަ އާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުންދާ ދަތިތަކުގެ ވާހަކަ އެވެ. ނަމަވެސް މެންބަރު މައުރޫފް ކުރެއްވި ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. 

ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވަނީ 6 މަސް ދުވަހުން ރައީސް ނިންމަވާނެ ކަމަށް ވިދާޅުވި އެ ދެ މަޝްރޫއު ވެސް އަދި ނިމުމަކާ ގާތް ވެސް ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު އެއްބަސްވެވަޑައިގެންނެވި އެވެ.