މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓަންޓް
ކޮމިޝަނަރު އޮފް ޕްރިޒަންސް (އޭސީޕީ) ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ވަޒީފާއިން
ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް
އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ހައިކޯޓުން މި އަމުރު ނެރުނީ ސިވިލް ކޯޓުގެ ނިންމުން
ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، އާސިފް
ވަޒީފާއިން ވަކިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް
ފަހުގަ އެވެ. އެގޮތުން މަޤާމުން ވަކިކުރީ އޭނާ 8 މަސް ދުވަސް ވަންދެން ސަސްޕެންޝަންގައި
ބެހެއްޓުމަށްފަހު އެވެ.

އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް
ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބަލައި ނިންމީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން
ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން
ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ދައުލަތުން
ހައިކޯޓުގައި އެދުނީ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ސިވިލް ކޯޓުގެ
ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ
އިއްތިފާގުން ނެރުއްވި އަމުރުގައި ވަނީ، ހައިކޯޓުން މި މައްސަލައިގައި ވަކި ގޮތެއް
ނިންމުމުގެ ކުރިން އާސިފަށް އަލުން ވަޒީފާ ދިނުން ހުއްޓުވުމަށެވެ.

އޭރު އާސިފް ސަސްޕެންޑް ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތުން ޕްރިޒަންސް ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ފާއިސާ އެ ކްލަބްގެ ރައީސް އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް އާސިފް އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް މުވައްޒަފުންގެ ފަރާތުން މައްސަލައެއް ހުށަހެޅި އެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މި މައްސަލައިގައި އާސިފަށް ކުރާ ތުހުމަތުގައިވާ ގޮތުން އޭނާ ވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ އެވެ. އަދި އެ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އަދި މި މައްސަލަ ކަރެކްޝަނުން ބަލާފައިވެސްވެ އެވެ. މުވައްޒަފުން ފޮނުވި ޕެޓިޝަނުގައި ވަނީ އާސިފް ނެގިކަމަށް ތުހުމަތުކުރި ފައިސާ އަނބުރާ ހޯދުމާ އެކު އާސިފަށް ފިޔަވަޅު އަޅައިދިނުމަށެވެ.